ގަދަ ހޫނުގެ ސަބަބުން ފްރާންސްއިން މަރުވި މީހުންގެ އަދަދު 1,000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.
ޕަބްލިކް ހެލްތު ފްރާންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން، ކުރީގެ މަސްތަކާ އަޅާބަލާއިރު ގާތްގަނޑަކަށް 1,000 އިތުރު މަރު (ވަގުތީ ހިސާބުތައް) ފާހަގަކުރެވިފައިވާ ކަމަށެވެ.
މިއީ ހޫނުގަދަވުމުގެ ސަބަބުން ސިއްހީ ނިޒާމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ އިދާރާއިން ސިފަކުރެއެވެ. ސިއްހީ އިދާރާއިން ފާހަގަކުރި ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ’ރެޑް އެލާޓް’ ނެރެފައިވާ ސަރަހައްދުތަކަށެވެ. އަދި މަރުވި މީހުންގެ 85 އިންސައްތައަކީ އުމުރުން 65 އަހަރުން މަތީގެ މީހުންކަންވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، މަރުވި މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ގޭގައި ތިއްބާ މަރުވި މީހުންގެ މެދުގައެވެ.
މި ހާދިސާތައް އެންމެ ގިނައިން ހިނގާފައިވަނީ ވެރިރަށް ޕެރިހާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތައް ހިމެނޭ އީލް-ޑި-ފްރާންސް ރީޖަންގައެވެ.
ފާއިތުވި ދުވަސްތަކުގައި ފްރާންސްގެ ބައެއް ސަރަހައްދުތަކުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވީ ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން ހޫނުމިން ވަނީ ދަށަށް ދާން ފަށާފައެވެ.
ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މިހާރު ހާމަކޮށްފައިވާ ހިސާބުތަކަކީ ވަގުތީ ހިސާބުތަކެއް ކަމުން، އަސްލު މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ.




