ދުނިޔޭގެ ގަދަ 32 ޓީމު ވާދަކުރާ މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލްއާއި ޖަޕާނު ބައްދަލުކުރާ ފޯރިގަދަ މެޗުގެ ހުރިހާ ޓިކެޓެއް ހުސްވެއްޖެއެވެ.
މި މުބާރާތުގައި ޖަޕާނަކީ މި ބުރުން ޖާގަ ހޯދި އޭޝިއާގެ ހަމައެކަނި ގައުމެވެ.
އެމެރިކާގެ ޓެކްސަސްގައި ހުންނަ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅޭ މި މެޗަށް އޮތް ތަރުހީބު ވަރަށް ބޮޑެވެ. އާންމުކޮށް 72,220 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްއަށް ޚާއްޞަ އިވެންޓްތަކުގައި 80,000 މީހުން ވައްދާއިރު، މި މެޗުގެ ޕްރެމިއަމް ޓިކެޓެއްގެ އަގު ވަނީ 25,000 ޑޮލަރަށް އަރާފައެވެ. މި ސްޓޭޑިއަމްއަކީ އެމެރިކާގެ ގައުމީ ޓީމުގެ ގިނަ މެޗުތަކެއް ވެސް ކުޅޭ ތާރީޚީ ދަނޑެކެވެ.
މިރޭ ރާއްޖެ ގަޑިން 10:00 ގައި ފަށާ މި މެޗަކީ ދެވަނަ ބުރުގެ ދެވަނަ މެޗެވެ. ބްރެޒިލް މި ބުރަށް ދަތުރުކުރީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޖަޕާނު ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މެޗަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން ބްރެޒިލް ބަލިކޮށް ޖަޕާނުން ހޯދި ތާރީޚީ މޮޅެވެ.
ކާލޯ އެންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު އެ މެޗުގައި ބްރެޒިލުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ޖަޕާނުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި 3-2 އިން މެޗު ކާމިޔާބުކޮށްފައެވެ.
މިރޭގެ މެޗު ކުޅޭ ހިއުސްޓަން ސްޓޭޑިއަމްއަކީ މި މުބާރާތުގައި މިހާތަނަށް ގިނަ ލަނޑުތަކެއް ފެނިގެން ގޮސްފައިވާ ދަނޑެކެވެ. އެގޮތުން ޖަރުމަނުން 7-1 އިން ކިއުރަސާއޯ ބަލިކުރުމާއި، ނެދަލެންޑްސްއިން 5-1 އިން ސްވިޑެން ބަލިކުރި މެޗުވެސް ކުޅުނީ މި ދަނޑުގައެވެ.
މީގެ އިތުރުން ކޮންގޯއިން ޕޯޗުގަލް ހިފެހެއްޓުމާއި، ޕޯޗުގަލްއިން އުޒުބެކިސްތާން ކޮޅަށް 5 ލަނޑު ޖެހި މެޗުވެސް ފެނިގެން ދިޔައީ މި ސްޓޭޑިއަމްގައެވެ.




