ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 އަށް ކޮލިފައިވުމަށްޓަކައި ޕެރަގުއޭއިން ޖަރުމަނު ބަލިކޮށް ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އެ ޤައުމުގެ ރައީސް ސެންޓިއާގޯ ޕެނާ މިއަދަކީ އެ ގައުމަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ.
ދެކުނު އެމެރިކާއަށް ނިސްބަތްވާ ޕެރަގުއޭއިން ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ބަލިކުރީ، ރޭ ކުޅުނު މެޗުގެ 90 މިނެޓާއި، އިތުރު ވަގުތުގެ ދެ ހާފު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުންނެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސް ޕެނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”މިއަދު މުޅި ޤައުމު މިދަނީ އުފާފާޅުކުރަމުން“ ކަމަށެވެ. އަދި މި ފާހަގަކުރަނީ ޤައުމުގެ އަސްލު އައިޑެންޓިޓީ ރަމްޒުކޮށްދޭ ޓީމެއްގެ ކާމިޔާބީ ކަމަށާއި، އެއީ ދުވަހަކުވެސް އުއްމީދު ކަނޑާނުލައި، ހިތްވަރާއި ސާބިތުކަންމަތީ ދެމިތިބޭ ބައެއްގެ ވަރުގަދަ އަޒުމް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޕެނާ ވިދާޅުވީ، ޕެރަގުއޭއިން ހޯދި މި ކާމިޔާބީއަކީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައި ހޯދި ކާމިޔާބީއަކަށްވުރެ މާ ފުން މާނައެއް އެކުލެވިގެންވާ، މުޅި ޤައުމު އެއްބައިވެ އުފާފާޅުކުރުން ހައްގުވާ ކަމެއް ކަމަށެވެ. ”މި ބޮޑު ކާމިޔާބީއާ މެދު ސަރުކާރަށް ހިމޭނުން ނޯވެވޭނެ،“ ގަރާރުގައިވެއެވެ.
ޕެރަގުއޭއަކީ މި މުބާރާތުގައި ޖަރުމަނު ބަލިކޮށް، ޤައުމީ ބަންދު ދުވަހެއް އިއުލާންކުރި ދެކުނު އެމެރިކާގެ ދެވަނަ ޤައުމެވެ.
މީގެ ކުރިން، ގްރޫޕް އީގައި ޖަރުމަނު އަތުން 2-1 އިން މޮޅުވެ، މުބާރާތުގެ ނޮކްއައުޓް ބުރަށް އިކުއޭޑޯ ދަތުރުކުރުމާ ގުޅިގެން އެ ޤައުމުގެ ރައީސް ޑެނިއަލް ނޮބޯއާވެސް ވަނީ ޤައުމީ ބަންދު ދުވަހެއް އިޢުލާންކުރައްވާފައެވެ.



