ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި މެކްސިކޯއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ގައުމުގެ ވެރިރަށް މެކްސިކޯ ސިޓީގެ މަގުތަކަށް އެއްވި މީހުންގެ ތެރޭގައި ތޮއްޖެހި، ނޭވާ ހާސްވެގެން ތިން މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި އެކުއަޑޯ އަތުން 2-0 ގެ ނަތީޖާއަކުން މެކްސިކޯ މޮޅުވެ، ގަދަ 16 ޓީމުގެ ބުރަށް ކޮލިފައިވުމާ ގުޅިގެން ސަޕޯޓަރުން އުފާފާޅުކުރަން ނުކުމެ އުޅުމުގެ ތެރޭގައެވެ.
މެކްސިކޯ ސިޓީގެ މަޝްހޫރު ބިނާއެއް ކަމަށްވާ ”އޭންޖަލް އޮފް އިންޑިޕެންޑެންސް“ ކައިރީގައި އޮންނަ ހަމްބާގޯ އަދި ލެންކަސްޓަރ މަގަށް އުފާފާޅުކުރުމަށް އެއްވި ގިނަ އަދަދެއްގެ މީހުންގެ ތެރޭގައި ހާލު ދެރަވި މީހުން ސަލާމަތްކުރުމަށް ސިއްހީ މާހިރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް އެ ސިޓީގެ ހެލްތު ސެކްރެޓޭރިއަޓުން ބުންޏެވެ. ނަމަވެސް، އުމުރުން 44 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނަކު ނޭވާ ހާސްވެގެން އެ ސަރަހައްދުގައި ވަނީ މަރުވެފައެވެ.
މި ހާދިސާގައި މަރުވި ތިންވަނަ މީހަކީ އުމުރުން 48 އަހަރުގެ އަންހެނެކެވެ. ސިއްހީ އިދާރާތަކުން ބުނި ގޮތުގައި، އެ އަންހެން މީހާ ނޭވާ ހާސްވުމުގެ ސަބަބުން މަގުމަތީގައި ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މެކްސިކޯއަކީ މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމު ބައިވެރިވާ ގޮތަށް ތިން ގައުމެއްގައި ބާއްވާ އެންމެ ހާއްސަ މުބާރާތެވެ. މެކްސިކޯގެ އިތުރުން މި މުބާރާތް ބާއްވަނީ އެމެރިކާ އަދި ކެނެޑާގައެވެ.




