ރިޝްވަތު ދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލައުނަތް ލެއްވިގެންވާ ބޮޑު ފާފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން“ މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު ދިން ހުތުބާގައި ވަނީ ކޮރަޕްޝަނަކީ އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮރަޕްޝަނަކީ މަގާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިހުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެކެވެ. އަދި ތިމާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އެ ނުފޫޒު އަމިއްލަ އެދުމަކަށް ބޭނުންކުރުމަކީ ހިޔާނާތްތެރި އަމަލެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. މީގެ އިތުރުން، ރިޝްވަތަކީ ހައްގުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާތިލުކަމެއް ހައްގުކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެއް ކަމަށްވެސް ބުނެފައިވެއެވެ.
ކޮރަޕްޝަނުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، އޭގެ ސަބަބުން އިޖުތިމާއީ އަދުލުވެރިކަން ނެތިގޮސް، ފަގީރުކަން އިތުރުވެ، އިގުތިސާދުގެ ތަނބުތައް ފުނޑުފުނޑުވާ ކަމަށެވެ. އަދި މިއީ ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ގައުމުގެ ތަރައްގީއަށް ހުރަސްއެޅޭ ކަމެއް ކަމަށްވެސް ބުންޏެވެ.
”ރިޝްވަތުދޭ މީހާއާއި ރިޝްވަތުހިފާ މީހާއަށް ރަސޫލުﷲ ﷺ ލަޢުނަތްލެއްވިއެވެ.“ މި ހަދީޘް ބަސްފުޅު ހަނދާންކޮށްދެމުން، މިއީ އިލާހީ ކޯފާއަށް ހުށަހެޅޭނެ ކަމެއް ކަމުގެ އިންޒާރު ހުތުބާގައި ދީފައިވެއެވެ.
ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ މައިގަނޑު ސަބަބަކީ ނަފުސުގެ ދަހިވެތިކަން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. މުއްސަނދިކަމަކީ މުދާ ގިނަވުން ނޫން ކަމަށާއި، ހަގީގީ މުއްސަނދިކަމަކީ ނަފުސުގެ ފުދުންތެރިކަން ކަމަށް ބުނެ، ހަރާމް މަންފާއަށް ދަހިވެތިވެ ދީނާއި ނަފުސުގެ ކަރާމާތް ވިއްކާނުލުމަށް ހުރިހާ މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ހުތުބާ ނިންމާލަމުން ވަނީ، ކޮރަޕްޝަނާއި ރިޝްވަތަކީ މުޖުތަމައުގައި އާންމު ކަމަކަށް ވީނަމަވެސް، އެއީ އާދައިގެ ކަމެއް ކަމުގައި ދެކި ހެއްލުންތެރި ނުވުމަށް ގޮވާލާފައެވެ. އަދި ދުނިޔެވީ ހަޔާތުގެ ބާއްޖަވެރިކަމާއި އާހިރަތުގެ ފަލާހަށް އެދޭ ނަމަ، އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އިސްކޮށް، މާތް ﷲ ހަރާމްކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމަށް ހުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.



