އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޝަހީދުކޮށްލިތާ 132 ދުވަސް ފަހުން، އެމަނިކުފާނުގެ ހަށިކޮޅު މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލައިފިއެވެ.
އެމަނިކުފާނު ޝަހީދުވެފައިވަނީ އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާއެއްގައެވެ.
އިއްޔެ މެންދުރުފަހު ޚާމަނާއީގެ ހަށިކޮޅު މަޝްހަދަށް ގެނެދެވުނުއިރު، އީރާނުގެ އެކި ކަންކޮޅުތަކުންނާއި ދުނިޔޭގެ އެކި ގައުމުތަކުން ޖަމާވި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ އެމަނިކުފާނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް ޖަމާވެފައެވެ. މި ވަދާއީ ރަސްމިއްޔާތުގައި އީރާނު ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް، ޝަރުއީ ދާއިރާގެ ވެރިޔާ ޣުލާމް ޙުސައިން މުޙްސިނީ، ކުރީގެ ނައިބު ރައީސް މުޙައްމަދު މުޚްބަރު އަދި މަޝްހަދުގެ ޚަޠީބު އާޔަތުﷲ ސައްޔިދު އަޙްމަދު އާލަމުލްހުދާ ހިމެނިވަޑައިގަންނަވައެވެ.
ޝަހީދުވި ލީޑަރުގެ މައްޗަށް ކުރެވުނު އެންމެ ފަހުގެ ކަށުނަމާދު އިމާމްވެ ކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން އާޔަތުﷲ ސައްޔިދު މުޞްޠަފާ ޚާމަނާއީއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމަނިކުފާނު ފަސްދާނުލެވިފައިވަނީ އިމާމް ރިޒާގެ ބަގުބަރާގެ ތެރޭގައިވާ ”ދާރުލް ޛިކުރު ރަވާގު“ގައެވެ. މަޝްހަދަށް ހަށިކޮޅު ގެންދިއުމުގެ ކުރިން އިރާގުގެ ނަޖަފާއި ކަރުބަލާގައި ވެސް ވަދާއީ ހަރަކާތްތަކެއް ބާއްވާފައިވެއެވެ. ނަޖަފުގައި ހުންނަ އިމާމް އަލީގެ މަގުބަރާ ސަރަހައްދަށް ގާތްގަނޑަކަށް 3.8 މިލިއަން މީހުން އެއްވެ، ޚާމަނާއީއަށް އިހުތިރާމް އަދާކޮށްފައިވެއެވެ.
އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޝަހީދުވީ 28 ފެބުރުވަރީ 2026 ގައި އީރާނާ ދެކޮޅަށް ފެށުނު 40 ދުވަހުގެ ހަނގުރާމައިގެ ކުރީކޮޅުގައެވެ. އެމަނިކުފާނު އަވަހާރަވީ އެމެރިކާއާއި އިސްރާއީލު ހިމެނޭ ކޯލިޝަނުން ތެހެރާނަށް ދިން ވަރުގަދަ ހަމަލާއެއްގައެވެ.
މި ހާދިސާއާ ގުޅިގެން އީރާނުގެ ތެހެރާނާއި ގުމްގައި ބޭއްވުނު ވަދާއީ ހިނގާލުންތަކުގައި ވެސް އެތައް މިލިއަން ބަޔަކު ބައިވެރިވެފައިވެއެވެ.




