ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިއަށް އެބަދެއެވެ.
ހެނދުނު 9:00 ގައި ފެށި މި އިންތިހާބު މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ޕީއެންސީން ބުނީ، މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ.
މާލޭގައި ވޯޓުލުން ކުރިއަށްދާ ސަރަހައްދުތައް:
° އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓުފޮށިތައް: ވޯޓުލަނީ މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫގެ މީހުން
° އިސްކަންދަރު ސްކޫލްގައި ހުރި ވޯޓުފޮށިތައް: ވޯޓުލަނީ ސިޓީތައް ފިޔަވާ އެހެން ރަށްރަށުގެ މީހުން
° ހުޅުމާލެ 2، ކާމިލް ދީދީ ޕްރީސްކޫލްގައި ހުރި ވޯޓުފޮށިތައް: ވޯޓުލަނީ ހުޅުމާލެ އުތުރު ދާއިރާގެ މީހުން
° ހުޅުމާލެ 1، ރެހެންދި ސްކޫލްގައި ހުރި ވޯޓުފޮށިތައް: ވޯޓުލަނީ ހުޅުމާލެ ދެކުނު ދާއިރާގެ މީހުން
° ވިލިމާލެ، މުހްޔިއްދީން ސްކޫލްގައި ހުރި ވޯޓުފޮށިތައް: ވޯޓުލަނީ ވިލިމާލެ ދާއިރާގެ މީހުން

މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއް ކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އެހެންވެ، މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް އެކަންޏެވެ.
އީސީގެ ދަފްތަރުގައިވާ ގޮތުގައި މިވަގުތު އެ ޕާޓީގައި 74،048 މެމްބަރު އެބަތިއްބެވެ.




