އެމެރިކާގެ ރައީސް އަވަހާރަކޮށްލަން އީރާނުން މަސައްކަތްކޮށްފި ނަމަ ނުވަތަ އެކަން ކާމިޔާބު ކޮށްފި ނަމަ، އެ ގައުމު ”މުޅިން ސުންނާފަތިކޮށްލާނެ” ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.
ޓްރަމްޕްގެ މިހެން ވިދާޅުވީ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ”ޓްރޫތު ސޯޝަލް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޓްރަމްޕް މިފަދަ ވަރުގަދަ އިންޒާރެއް ދެއްވީ އޭނާ އަވަހާރަކޮށްލަން އީރާނުން އާ ރޭވުންތަކެއް ރާވަމުންދާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
”އެމެރިކާގެ ރައީސް މި ހާލަތުގައި އަހަރެން މަރާލަން ނުވަތަ އެފަދަ ކަމެއް ކުރަން އީރާނު ސަރުކާރުން އުޅެފި ނަމަ، އީރާނަށް އަމާޒުކޮށް 1،000 މިސައިލް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައި. އަދި އޭގެ ފަހަތުން ވަގުތުން ފޮނުވާލުމަށް އެތައް ހާސް މިސައިލެއް ވެސް އެބަހުރި“ އެ ޕޯސްޓުގައި ޓްރަމްޕް ލިޔެފައިވެއެވެ.
މީގެ އިތުރުން އީރާނުގެ ހުރިހާ ސަރަހައްދެއް މުޅިން ސުންނާފަތިކޮށް ހަލާކުކޮށްލުމަށް އެމެރިކާގެ ސިފައިން ތިބީ ތައްޔާރަށް ކަމަށާއި، އެކަމުގެ އަމުރުތައް މިހާރުވެސް ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ އިޒްރޭލުން މި ހަފުތާގައި އެމެރިކާއަށް ދިން ޖާސޫސީ މައުލޫމާތުތަކެއްގައި، ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން މުޅިން އަލަށް ”ވަކި ހާއްސަ“ ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ހިމެނޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައި ވަނިކޮށެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިން މި އިންޒާރަކީ މުޅިން އާ އަދި ވަކި ހާއްސަ ރޭވުމަކާ ގުޅޭ މައުލޫމާތެކެވެ.
އީރާނުން ޓްރަމްޕްގެ ކިބައިން ބަދަލުހިފާނެ ކަމަށް ބުނަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. އެއީ ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އީރާނުގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލަން އަމުރު ކުރެއްވުމާ ގުޅިގެންނެވެ.
”އެމީހުން ބޭނުންވަނީ އެމެރިކާގެ ލީޑަރު އަހަރެން ނައްތާލަން. އަހަރެން އޮތީ ކޮންމެވެސް ލިސްޓެއްގައި. މިއަދު ހެނދުނު އަހަރެން ދުށިން އެ މީހުންގެ ކޮންމެ ލިސްޓެއްގެ ކުރީގައި އަހަރެން އޮތްތަން“ ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މި ފަހުން ތުރުކީން ފުރާވަޑައިގަތުމަށް ބޭނުންކުރެއްވީ އޭނާގެ ކުރީގެ އެއާ ފޯސް ވަން ބޯޓެވެ. އަދި ގަތަރުން ހަދިޔާކުރި އާ ޖެޓް އިނގިރޭސިވިލާތަށް ކުރިން ފޮނުވާލުމަށް ފަހު، ވޮޝިންޓަނަށް ވަޑައިގަތުމަށް އޭނާ ވަނީ ބޯޓު ބަދަލުކުރައްވައިފައެވެ.




