ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިސްލާމިކް އިން ފުރަތަމަ ފަހަރަށް ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑެއް ތައާރަފްކޮށްފި އެވެ.
އިއްޔެ ބީއެމްއިން ތައާރަފު ކުރި އިސްލާމިކް ކްރެޑިޓް ކާޑަކީ، އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ކާޑެކެވެ. ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރާނީ ސްޓޭންޑަޑް، ގޯލްޑް، އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައެވެ.
ބީއެމްއެލްއިން މި ކާޑު ފަރުމާކޮށްފައިވަނީ، ބުކިންގ.ކޮމް އަދި ޑައިނިންގ އެކްސްޕީރިއަންސް ފަދަ އޮފަރތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށެވެ. އަދި މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެއެވެ.
ބީއެމްއެލްއިން ބުނީ، އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެއެވެ. އެގޮތުން، ފްލައިޓް ޓިކެޓާއި، ކާރު ކުއްޔަށް ނެގުމާއި، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕްއިންޓްސް ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ހަސަން ކަލާމް ވިދާޅުވީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކުރި ކާޑެކެވެ.
”ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑުތަކަކީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި، ފަރުމާކޮށްފައިވާ ކާޑެއް. ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑިޓް ކާޑު ތައާރަފްކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.“ ހަސަން ކަލާމް ވިދާާޅުވި އެވެ.
އަލަށް ބޭންކުން ތައާރަފްކުރި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ ބީއެމްއެލްއިން ދޫކުރާ އެހެން ކާޑުތަކާ އެއްގޮތަށް އެންމެފަހުގެ ސެކިއުރިޓީ ފީޗަރސްތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ކާޑެކެވެ. ރާއްޖޭގެ މާރކެޓަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ކާޑަކީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެންބަރުންނަށް އަގުހުރި އަދި ދުނިޔޭގެ އެކި ތަންތަނުން ލިބޭ ފައިދާތައް ހޯދައިދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ އާ ބޮޅެކެވެ.




