ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ވައިގެ މަގުން ކާގޯ އެކްސްޕޯޓްކުރުމުގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، މި ފަހަރުގެ ރެކޯޑުގައި އެއް ދުވަސްތެރޭ 114 ޓަނުގެ މުދާ ވަނީ ބޭރުކޮށްފައެވެ.
މިއީ މީގެކުރިން އެއާޕޯޓުން އެއް ދުވަސްތެރޭ އެންމެ ގިނައިން މުދާ ބޭރުކުރުމުގެ ރެކޯޑު ކަމަށްވާ 100 ޓަނަށްވުރެ ބޮޑު އިތުރުވުމެކެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކާގޯ އެކްސްޕޯޓަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ޖެނުއަރީން ޖޫންގެ ނިޔަލަށް ޖުމްލަ 7,928 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް ވައިގެ މަގުން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ މާޗު މަހުގައެވެ. އެ މަހު އެކަނިވެސް އެއާޕޯޓް މެދުވެރިކޮށް 1,791 ޓަނުގެ މުދާ ވަނީ އުފުލާފައެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ ތެރޭގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ ބޭރުގެ މާކެޓުތަކަށް އަވަހަށް ފޯރުކޮށްދޭންޖެހޭ ކަނޑުމަހުގެ ބާވަތްތަކަށެވެ. މިފަދަ ތާޒާ މުދާ ބޭރުގެ މާކެޓުތަކަށް ފޯރުކޮށްދިނުމުގައި ވީއައިއޭގެ ލޮޖިސްޓިކްސް ހަރުދަނާކަން މުހިންމު ދައުރެއް އަދާކުރެއެވެ.
އެމްއޭސީއެލް އިން ވަނީ ކާގޯ ޓްރާންސްޝިޕްމަންޓްގެ ތަފްސީލުތައްވެސް ހިއްސާކޮށްފައެވެ. އެތެރެކުރި (އިންބައުންޑް) ޓްރާންސްޝިޕްމަންޓްތަކުގެ 27 އިންސައްތަ އެފްކޮމް ހޯލްޑިންގްސް އިން ހޭންޑްލްކުރިއިރު، ސްރީލަންކަން އެއާލައިންސް އިން ވަނީ 25 އިންސައްތަ ހޭންޑްލްކޮށްފައެވެ. ބޭރުކުރި (އައުޓްބައުންޑް) ޓްރާންސްޝިޕްމަންޓްތަކުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޓާކިޝް އެއާލައިންސް، ބްރިޓިޝް އެއާވޭސް އަދި އެއިރޯފްލޮޓްގެއެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި ކާގޯގެ މިންވަރު މިގޮތުގައި އިތުރުވަމުންދިއުމަކީ ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ރާއްޖޭގެ އެކްސްޕޯޓް ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭ ސަރަހައްދީ އެއާ ކާގޯ ހަބެއްގެ ގޮތުގައި ވީއައިއޭގެ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެކެވެ.
ރާއްޖޭގެ މައި ބައިނަލްއަގުވާމީ ދޮރާށީގެ ގޮތުގައި އޮތް ވީއައިއޭ އަކީ ތާޒާ މަހުގެ ބާވަތްތަކާއި އަވަހަށް ހަލާކުވާ ފަދަ ތަކެތި ބޭރުކުރުމުގައި މުހިންމު ލޮޖިސްޓިކްސް މަރުކަޒެކެވެ.



