މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގައި ސައިބާ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުގެ މިންވަރު 105 އިންސައްތައަށް ވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސައިބާ ކްރައިމްގެ 512 މައްސަލަ ހުށަހަޅާފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އިތުރުވެފައެވެ.
ސައިބާ ކުށްތައް މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ވަކިވަކި ކުށްތަކަށް ބަލާއިރު، އޮންލައިން ޝޮޕިންގް ސްކޭމްތައް ވަނީ 86 އިން 464 އަށް އިތުރުވެފައެވެ. މިއީ 439 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 626 އިންސައްތަ އިތުރުވެފައިވާއިރު، ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ މަކަރުތައް 83 އިންސައްތަ ވަނީ އިތުރުވެފައެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ވަނީ ދަށްވެފައެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 75 އިންސައްތަ ދަށްވެފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކުރުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ މަދުވެފައެވެ.
މިއަހަރުގެ މިހާތަނަށް 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، 457 މައްސަލައެއްގައި ފިޔަވަޅު އަޅައި ފައިލްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން 182 މައްސަލައެއްގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ހެކްކޮށްފައިވާ 120 ސޯޝަލް މީޑިއާ އެކައުންޓެއް އަނބުރާ ހޯދައިދީފައިވެއެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށް ހިންގި ސެޝަންތަކުގައި 3,143 ފަރާތަކަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ވިދާޅުވީ، ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަމާއި އެކަމަށް ދޭ ސަމާލުކަން ކަމަށެވެ.
އެހެންކަމުން އޮންލައިން މުއާމަލާތްތަކުގައި ސައްހަކަން ކަށަވަރު ކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.



