ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ތަޢާރަފުކުރި ފަހުން ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި 3،800 އަށްވުރެ ގިނަ ފަރާތުން އެ ޚިދުމަތާ ގުޅިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އެކައުންޓްތައް އެކްޓިވޭޓްކޮށް، އެތައް ޓްރާންސެކްޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ޕޭޕަލް ފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތައް ރާއްޖެއަށް ގެނައުމަކީ މީގެ ކުރިން ކުރެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބި ކަމެކެވެ. ނަމަވެސް، މިއަދު އެ ޚިދުމަތް ލިބެން ފެށުމަކީ އިޤްތިސާދީ ގޮތުން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިއަދު އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ގާތްގަނޑަކަށް 3،800 އަށްވުރެ ގިނަ ފަރާތުން އެކައުންޓް އެކްޓިވޭޓްކޮށް ޓްރާންސެކްޝަންތަކެއް ފެށިއްޖެ. އެހެންވީމާ، އެހެރަ އަންނަނީ ކުޑަ ނަމަވެސް ކުރިއެރުންތަކެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ސަރުކާރުން ކުރެއްވި ބުރަ މަސައްކަތުން ޖޫން މަހުގެ 15 ވަނަ ދުވަހު ތަޢާރަފުކުރި ޚިދުމަތެކެވެ. ޕޭޕަލްއިން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބައިވެރިއެއްގެ ގޮތުގައި އޫރީދޫ އިޚުތިޔާރުކޮށްފައިވާއިރު، މި މަސައްކަތް ކުރިއަށްދިޔައީ ސަރުކާރާއި، ޕޭޕަލް އަދި އޫރީދޫ ގުޅިގެންނެވެ.
މޮނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤުވާމީ ބޮޑެތި ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުން ކަމަށެވެ. އެގޮތުން އައްޑޫގައި ގާއިމުކުރެވޭ ގޫގުލްގެ އިންވެސްޓްމަންޓަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޔޫ.އެން އަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އޮފީހަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގެ ނަތީޖާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕޭޕަލްގެ ޚިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް އިޤްތިސާދު އާ އުސްމިންތަކަކަށް ދަތުރުކޮށް، ބޭރުގެ ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ދިވެހި ފަންނުވެރިންނަށް އެކަމުގެ ފައިދާ ސީދާ ގޮތެއްގައި ލިބެން ފަށާނެއެވެ. މިއީ ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށްވާ، ޑިޖިޓަލް އަދި ކްރިއޭޓީވް އިކޮނޮމީގެ ޒަރިއްޔާއިން އިޤްތިސާދީ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތުގެ ސަބަބުން ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ދުނިޔޭގެ މާލީ މުއާމަލާތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ދިވެހިންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.




