މަސްތުވާތަކެއްޗާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، އެދެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ވިދުވަރު / ރ.އިންނަމާދޫ ، މުޙައްމަދު ސަމޫހް (25އ) އާއި ރޯޝަން / މިސްކިތްމަގު، ޏ.ފުވައްމުލައް، އިބްރާހީމް ޞަލާޙު (32އ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ގުޅިގެން މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސަމީހު 10 ދުވަހަށް އަދި އިބްރާހީމް ސަލާހް 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



