އަތޮޅުތެރޭގެ 17 ރަށަކަށް ބޭނުންވާ އެމްބިއުލާންސް އެ ރަށްތަކާއި ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަތޮޅު ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ގެނައި އައު އުޅަނދުތަކެކެވެ. މިއީ ޖުމްލަ 31 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޕީއެލްއާ ހަވާލުކުރި 36.2 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ގެނައި ތަކެއްޗެވެ.
މި މަޝްރޫއުގެ ފުރަތަމަ ބެޗުގެ 14 އެމްބިއުލާންސް މިއަހަރުގެ މާޗް މަހު ރަށްރަށަށް ފޮނުވާފައިވާއިރު، ރޭ ހަވާލުކުރި 17 އެމްބިއުލާންސާ އެކު މި ސަރުކާރުން މިހާތަނަށް ޖުމްލަ 87 އައު އެމްބިއުލާންސް ރަށްރަށާ ވަނީ ހަވާލުކޮށްފައެވެ.
އެންބިއުލަންސް ހަވާލުކުރެވުނު ރަށްތައް:
• ށ.ކޮމަންޑޫ
• ށ.ފޮއްދޫ
• ނ.ހެނބަދޫ
• ބ.ދަރަވަންދޫ
• ބ.ފުޅަދޫ
• ބ.ދޮންފަނު
• ޅ.އޮޅުވެލިފުށި
• ވ.ފުލިދޫ
• ވ.ކެޔޮދޫ
• މ.ވޭވަށު
• އއ.ބޮޑުފޮޅަދޫ
• އއ.ހިމަންދޫ
• އދ.ކުނބުރުދޫ
• އދ.ދަނގެތި
• ލ.ފޮނަދޫ
• ގއ.ކޮނޑޭ
• ގދ.ވާދޫ
މީގެ އިތުރުން، މާލެ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް މިއަހަރުގެ ތެރޭގައި ގެނެސް އެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަދި އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އުޅަނދުތައް ވެސް މިއަހަރުގެ ތެރޭގައި ގެނެސް ހަވާލުކުރެވޭނެއެވެ.




