އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ޚާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ އެކަމަށް އިޢުލާން ކުރުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏަކާއެވެ. އެ ކުންފުނިތަކަކީ:
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް – ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކަމަށެވެ. ކޮންމެ ކުންފުންޏަކުން 200 ހައުސިންގ ޔުނިޓު ތަރައްޤީކުރާއިރު، މީގެ ތެރޭގައި ހިމެނެނީ 60 ޔުނިޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 140 ޔުނިޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.
މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ދެ ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގައި 700 އަކަފޫޓު ހުންނައިރު، ތިން ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މި އިމާރާތްތަކުގެ ފިނިޝިންއާއި ޖާގަ ކުރީގެ މަޝްރޫޢުތަކަށްވުރެ ފުރިހަމަވާނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ މަޝްރޫޢެވެ. މި ފްލެޓްތައް ވިއްކާނީ ސަރުކާރުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށް ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ މާލެ ސަރަޙައްދުގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1 އަދި ވިލިމާލޭގައި ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢުތަކާއި، ޗައިނާ ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 2 ގައި ހިންގާ މަޝްރޫޢުތައް ހިމެނެއެވެ.




