ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށާއި، އެއީ ޝިރުކުގެ އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ސިހުރު ހާހޫރައިގެ ނުބައިކަން“ މި މައުޟޫއަށް ކިނޑިތަކުގައި މިއަދު ދިން ހުތުބާގައި ވަނީ ސިހުރުގެ ނުރައްކާތެރިކަމާއި އޭގެ ސަބަބުން ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނުކުންނަ ނުބައި ނަތީޖާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި ސިހުރަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކަކާއި، ކިޔަވާ ކިޔެވުންތަކަކާއި، ހަދާ މަންތަރުތަކަކާއި ޖަހާ އަކަތަކާއި ގޮށްތަކެކެވެ. މީގެ އިތުރުން ސިހުރު ހެދޭ މީހާގެ ގައިގައި ބީހުމަކާ ނުލައި، އޭނާގެ ހަށިގަނޑަށް ނުވަތަ ވިސްނުމަށް ނުވަތަ ހިތަށް އެކަމުގެ ސަބަބުން އަސަރުކުރުވާ ކަންކަމަކީ ސިހުރުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ސިހުރަކީ ކީރިތި ގުރުއާނާއި ސުންނަތުން އޭގައި ހަގީގަތެއްވާކަން އެނގޭ ކަމެއްކަން ވެސް ހުތުބާގައި ފާހަގަކުރިއެވެ.
ސިހުރުވެރިޔާގެ ނުބައިކަމާ ގުޅޭގޮތުން ހުތުބާގައި ބުނީ، ސިހުރުވެރިޔާ ކޮންމެ ކަމެއްގައިމެ ޝައިތާނާއަށް ކިޔަމަންވުމަށް އޭނާއާ އެކު އަހުދުކަށަވަރު ހިފައިފުމަށް ދާންދެން ސިހުރުވެރިއަކަށް ނުވެވޭނެ ކަމަށެވެ. ޝައިތާނާ އޭނާއަށް ނަޖިސް ތަންތަނުގައި އުޅުމަށާއި، ގުރުއާނަށް އިހާނެތިކޮށް ހިތުމަށާއި، ޖިންނި ޝައިތާނުންގެ ނަމުގައި ކަތިލުމަށް އަމުރުކުރާ ކަމަށް ހުތުބާގައި ބުންޏެވެ. ”ސިހުރުވެރިޔާގެ ކާފިރުކަމާއި ނުބައިކަން ބޮޑުވެ، މާތް ﷲއާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި އަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރު ބާރުގަދަވެފައި މާ އަވަހަށް އަސަރުކުރެއެވެ،“ ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމަކީ ނަހީކުރައްވާފައިވާ ކަމެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ. ރަސޫލާ ﷺ ގެ ހަދީޘްފުޅެއް ބަޔާންކުރަމުން ހުތުބާގައި ބުނީ، ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވާންދެން އޭނާގެ ނަމާދު ގަބޫލުނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ މީހަކު ބުނާ ބަސް ގަބޫލުކޮށްފި ނަމަ، މުހައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް އޭނާ ކާފިރުވެއްޖެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކޮށް ދުއާކުރުން ކަމަށް ހުތުބާގައި ބުންޏެވެ. ފަރުޟު ފަސް ނަމާދު ގާއިމުކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމަކީ ޝައިތާނާގެ މަގުތައް ބަންދުވާނެ ކަމެއް ކަމަށް ބުންޏެވެ.
އަދި ފަރުވާއެއް ހޯދާ ނަމަ، ދާންވީ ސުންނަތުން ސާބިތުވާ ޝަރުއީ ރުގުޔާގެ މަގަށް ކަމަށާއި، ޝަރުއީ ރުގުޔާގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް ނުވަތަ ނޭނގޭ ބަސްތަކެއް ނުހުންނާނެ ކަމަށް ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.


