ވެނެޒުއެލާއަށް މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 4,930 އަށް ވުރެ މައްޗަށް އަރައިފިއެވެ.
މި ބިންހެލުންތަކުގައި 17,000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 21,120 މީހުންގެ ގެދޮރު އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އަދިވެސް އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށް ވަނީ ލިސްޓުކުރެވިފައެވެ.
ވެނެޒުއެލާއަށް ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އޭގެ އެންމެ 39 ސިކުންތު ފަހުން 7.5 މެގްނިޓިއުޑްގެ މާ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. މިއީ ފާއިތުވި ގަރުނަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބޮޑު ބިންހެލުމަށްފަހު އިތުރު 995 ލޮޅުން (އާފްޓަރޝޮކް) އެ ސަރަހައްދަށް އައިސްފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ސަލާމަތީ ޓީމުތަކުން ހާލުގައިޖެހިފައިވާ މީހުން ހޯދުމުގެ ރަސްމީ މަސައްކަތްތައް މިހާރު ނިންމާލާފައިވީ ނަމަވެސް، ގެއްލިފައިވާ މީހުންގެ އާއިލާތަކުން އަމިއްލަ ގޮތުން އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދެއެވެ. ކާރިސާގެ ސަބަބުން އާންމު ސިއްހަތަށް އޮތް ނުރައްކާ ބޮޑުވެފައިވާކަން ފާހަގަކޮށް، ޕެން އެމެރިކަން ހެލްތް އޯގަނައިޒޭޝަން (ޕީއޭއެޗްއޯ) އިން ވަނީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.


