ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި ހިންގޭ ފުރަތަމަ ”ބްލޫސް ރީ-ޓްރެއިނިންގ ޕްރޮގްރާމް 2026″ ފަށައިފިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ސެންޓަރ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިޔުރިޓީ ސްޓަޑީޒް އިން އިންތިޒާމްކޮށްގެން، މި ޖުލައި މަހުގެ 18އިން ފެށިގެން 5 ދުވަހުގެ މުއްދަތަށް ދ. ވާނީ ގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފުލުހުންގެ ފަންނީ މައުލޫމާތާއި، އަޚުލާގީ މިންގަނޑުތަކާއި، ލީޑަރޝިޕް ހުނަރުތަކުގެ އިތުރުން އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.
މި ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތުގައި ދިމާވާ ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުވައި، ޒިންމާދާރު އަދި ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ފަންނީ މުއައްސަސާއެއް ބިނާކުރުމަށް މަގުފަހިކުރުވުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް އުނގަންނައިދޭ މޮޑިއުލްތަކުގެ ތެރޭގައި ”އިންޓާނަލް އެތިކްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އޭއައި“، އޮޕަރޭޝަނަލް ޕޮލިސިންގ، އަދި ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ހިމެނެއެވެ. މީގެ އިތުރުން ކޭސް ސްޓަޑީޒް އާއި ޓީމް ބިލްޑިން ފަދަ ހަރަކާތްތައް މެދުވެރިކޮށް، ތަފާތު ހާލަތްތަކުގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމުގެ ހުނަރު ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ.
ފުލުހުން ބުނިގޮތުގައި، މި ޕްރޮގްރާމަކީ މުއައްސަސާގެ ކުރިއެރުމަށާއި، އައު އީޖާދުތަކަށް އަހުލުވެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ، އަހުލާގު ރަނގަޅު، ހުނަރުވެރި ފުލުހުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަންވެސް އެ މުއައްސަސާއިން ފާހަގަކުރެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނެވެ. މީގެ ތެރޭގައި ކޮންސްޓަބަލް ރޭންކުން ފެށިގެން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކާ ދެމެދުގެ ޖުމްލަ 98 ފުލުހުން ބައިވެރިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.




