ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ އެމް.އޯ.ޔޫ އެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަންއެވެ.
މީގެ އިތުރުން، މި މަޝްރޫއު ތަންފީޒުކުރާ މުއައްސަސާގެ ފަރާތުން ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު ވެސް ވަނީ މި އެމްއޯޔޫގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މިއީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށާއި، މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމަށާއި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެ ގައުމުން ދޭ އިސްކަން މި އެއްބަސްވުމުން ހާމަވެގެންދާ ކަމަށްމިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ވަސީލަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކަށް މި މަޝްރޫއުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ.
”ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރައްޔިތުންގެ ދޮރުމައްޗަށް ގެނެސްދިނުމަކީ ސަރުކާރުގެ އަމާޒެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ސަގާފީ ގުޅުން، ވިޔަފާރިއާއި، ސަލާމަތީ ކަންކަމާއި، ތައުލީމީ ދާއިރާއިން އިތުރަށް ވަރުގަދަވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.




