ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ރ. ކިނޮޅަހުގައި ބޭއްވި މި ރަސްމިއްޔާތު ފައްޓަވައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
މި މަޝްރޫޢަކީ ”ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް“ (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މަސައްކަތެކެވެ. އިފްތިތާޙު ކުރި 25 ރަށުގެ ނިޒާމުތަކުގައި 6.36 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި 10 މެގަވޮޓު އަވަރގެ ބެޓަރީ ސްޓޯރޭޖް ހިމެނެއެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑް 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ.
މި ނިޒާމް އިފްތިތާޙު ކުރި ރަށްތައް
- ރ. އަލިފުށި
- ރ. ވާދޫ
- ރ. ރަސްގެތީމު
- ރ. އަނގޮޅިތީމު
- ރ. މާކުރަތު
- ރ. ރަސްމާދޫ
- ރ. އިންނަމާދޫ
- ރ. މަޑުއްވަރީ
- ރ. އިނގުރައިދޫ
- ރ. ފައިނު
- ރ. މީދޫ
- ރ. ކިނޮޅަސް
- ރ. ހުޅުދުއްފާރު
- ބ. ކުޑަރިކިލު
- ބ. ކަމަދޫ
- ބ. ކެންދޫ
- ބ. ކިހާދޫ
- ބ. ދޮންފަނު
- ބ. ދަރަވަންދޫ
- ބ. މާޅޮސް
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ހިތާދޫ
- ބ. ފުޅަދޫ
- ބ. ފެހެންދޫ
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. މުއާވިއަތު މުޙައްމަދު ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ލުއިވެ، ތެލަށް ކުރާ ހޭދަ ކުޑަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި މަސައްކަތް ފުޅާކުރެވޭނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕޮއިސްޑް މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 97 ރަށެއްގައި މަސައްކަތް ނިމި، 19.8 މެގަވޮޓުގެ ސޯލާ ޕީވީ ކެޕޭސިޓީ ޤާއިމުކޮށްފައިވެއެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ 160 ރަށެއްގެ ޑީސަލް ނިޒާމުތައް ހައިބްރިޑް ނިޒާމުތަކަށް ބަދަލުކުރުމެވެ.
ސަރުކާރުގެ ލަނޑުދަނޑިއަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.



