ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އާންމު މިންގަނޑަށްވުރެ ހޫނު ގަދަވެފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެންމެ ހޫނުގަދަކަމަށް ރެކޯޑު ކުރެވިފައިވަނީ މާލެ ސަރަހައްދާއި ހދ. ހަނިމާދޫއަށެވެ. މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން 37 ޑިގްރީގައި ހުރިއިރު، ހަނިމާދޫގައި މި މިންވަރު ވަނީ 37.1 ޑިގްރީއަށް މައްޗަށް ގޮސްފައެވެ.
މޫސުމާ ބެހޭ އިދާރާގެ މިންގަނޑުތަކަށް ބަލާއިރު، އިހުސާސް ކުރެވޭ ހޫނުމިން 37 އާއި 37.9 ޑިގްރީއާ ދެމެދު ހުރުމަކީ އާންމު މިނަށްވުރެ ހޫނު ގަދަވުމެވެ. އަދި 38 ޑިގްރީއަށްވުރެ މަތިވުމަކީ ހޫނު ގަދަވުން ކަމަށް ބަލާއިރު، 39 ޑިގްރީއަށްވުރެ މަތިވުމަކީ ވަރަށް ބޮޑަށް ހޫނު ގަދަވުން ކަމަށް އެ އިދާރާއިން ކަނޑައަޅާފައިވެއެވެ.
ހޫނު ގަދަވުމާ ގުޅިގެން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ހެނދުނު 10:00 އާއި ހަވީރު 16:00 އާ ދެމެދު އަވީގައި އުޅޭއިރު ސަމާލުވުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިރުޝާދު ދީފައެވެ.
ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ފެން ބުއިމަށާއި، ތުނި ހެދުން ބޭނުން ކުރުމަށާއި، ކޮންމެހެން ބޭރަށް ދާންޖެހޭ ހާލަތްތަކުގައި ހިޔާ ސަރަހައްދުތައް އިޚްތިޔާރު ކުރުމަށް ވަނީ ލަފާދީފައެވެ.
އަދި ހޫނުގެ ސަބަބުން ސިއްހީ އެއްވެސް މައްސަލައެއް ދިމާވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.




