ހުޅުމާލެ ފޭސް 2ގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާތީ މާދަމާ އިން ފެށިގެން އެކި ވަގުތުތަކުގައި އެ ސަރަހައްދުގެ ތަންތަނުން ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ ފޭސް 2ގެ ކަރަންޓު ވިއުގަ ބެލެހެއްޓުމާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވުމާ ގުޅިގެން، ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި އިތުބާރު ހުރި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ޓެކްނިކަލް އަޕްގްރޭޑިންގް މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.
ސްޓްލްކޯއިން ބުނީ، މި މަސައްކަތްތައް މާދަމާއިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ފޭސް 2ގެ އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
”މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،“ ސްޓެލްކޯގެ ބަޔާނުގައިވެއެވެ.
އެ ކުންފުނިން އިތުރަށް ފާހަގަކުރި ގޮތުގައި، މިއީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް ކަމަށްވާތީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ކުރިން އެޗްޑީސީން ބަލަހައްޓަމުން އައި ހުޅުމާލެ ފޭސް 2 ގެ ކަރަންޓު ވިއުގަ ސްޓެލްކޯއާ ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ.



