އިންޑިއާގައި ބާއްވާ ބައިނަލްއަޤުވާމީ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
މި އެކްސްޕޯއަކީ އިންޑިއާގެ ހައިދަރުއާބާދުގައި މި މަހުގެ 31 އިން އޯގަސްޓް 1 ގެ ނިޔަލަށް ކުރިއަށްދާ އެކްސްޕޯއެކެވެ.
އިކޮނޮމިކް މިނިސްޓްރީން ދިވެހި ކުންފުނިތަކަށް ދައުވަތު ދީފައިވަނީ، ގްލޯބަލް އިންޑިޔާ ބިޒްނަސް ފޯރަމުގެ ފަރާތުން އިންތިޒާމްކުރާ ”ހަތަރުވަނަ އެޑިޝަންގެ އިންޑިޔާ – އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026″ އަދި ”އިކޯ ސަސްޓެއިން އެކްސްޕޯ 2026“ ގައި ބައިވެރިވުމަށެވެ. މިއީ މި ސަރަހައްދުގެ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ މުހިންމު ޕްލެޓްފޯމެކެވެ.
މި މައުރަޒުގައި އިންޑިޔާގެ 500 އަށްވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަޤުވާމީ ވިޔަފާރި ވަފުދުތަކުގެ އިތުރުން އޭޝިޔާ ސަރަހައްދުގެ 20 އަށްވުރެ ގިނަ ޤައުމުގެ ވިޔަފާރިވެރިން ބައިވެރިވާނެއެވެ. މީގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސަރުކާރުތަކުގެ މަންދޫބުންނާއި ޑިޕްލޮމެޓުންވެސް މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންކްލޭވްގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް ވިޔަފާރި ނެޓްވޯކިން ފުރުސަތުތަކާއި، އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ފުރުޞަތުތައް ލިބިގެންދާނެއެވެ. އަދި އިންޑިޔާގެ މެނިފެކްޗަރުންނާއި، އެކްސްޕޯޓަރުންނާއި، އިމްޕޯޓަރުންގެ އިތުރުން ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާ ސީދާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ދިވެހި ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި ދޭ ޚިދުމަތްތައް ބައިނަލްއަޤުވާމީ މާކެޓަށް ދައްކާލުމުގެ ފުރުސަތު މި އެކްސްޕޯގެ ތެރެއިން ފަހިވާނެއެވެ.
ޚާއްޞަކޮށް ޓޫރިޒަމް، ހޮސްޕިޓެލިޓީ، ރިނިއުއަބަލް އެނަރޖީ، ފުޑް ޕްރޮސެސިންގ، އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމަށް މި ހަރަކާތަކީ މުހިންމު ފުރުސަތެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކުރެއެވެ.




