ތަފާތު އެކި ސަބަބުތަކާހުރެ ނުބޭއްވި ލަސްވަމުންދާ ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް، އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު ފެށުމަށް ތާވަލުކޮށްފިއެވެ.
ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ މި މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ 15 ވަނަ އެޑިޝަނެވެ.
ސާފް އިން ކުރި އިއުލާނެއްގައި ބުނީ، މިފަހަރުގެ މުބާރާތް ބާއްވާނެ ތާރީޚާއި ގައުމު މިހާރު މުޅިން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގައި މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 4 އިން 17 އަށް ކަމަށް ސާފް އިން ވަނީ ކަށަވަރުކޮށްދީފައެވެ. މި މުބާރާތުގައި ސާފްގެ މެމްބަރު ހުރިހާ ގައުމަކުން ވެސް ބައިވެރިވާނެކަމަށް އުއްމީދު ކުރާ ކަމަށް ސާފް އިން ބުނެއެވެ.
”މިއީ ސަރަހައްދީ އެންމެ ހައިބަތުބޮޑު މުބާރާތް ކަމާއި މިއީ މި ސަރަހައްދުގެ ގައުމުތަކުން އެންމެ ބޮޑަށް އިންތިޒާރުކުރާ މުބާރާތްކަމަށް ގަބޫލުކުރަން“ ސާފް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިފަހަރުގެ މުބާރާތުގެ ލޯގޯ އިފްތިތާހުކުރުމަށް މި މަހުގެ 25 ވަނަ ދުވަހު ޑާކާގައި ހާއްސަ ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު، ބޫޓާނުގެ ތިމްފޫގައެވެ.
ބަންގްލަދޭޝްއިން އެންމެ ފަހުން މި މުބާރާތް ހޯސްޓު ކުރީ 2018 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއިންނެވެ. މިއީ ރާއްޖެއިން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. ރާއްޖެއިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން މި މުބާރާތް ބާއްވާފައެވެ. އެއީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނާއި، 2021 ވަނަ އަހަރު ރާއްޖެ އެކަނި ހޯސްޓުކުރި ފަހަރެވެ.
ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ 2023 ވަނަ އަހަރު އިންޑިއާގައެވެ. އެ ފަހަރުގެ މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ގައުމު ކަމަށްވާ ކުވެއިތާއި ލުބުނާން ވެސް ބައިވެރިވިއެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާއިންނެވެ.




