ދިވެހިރާއްޖޭގެ އިންފްލޭޝަނާއި، އިގްތިސާދީ ކުރިއެރުމާއި އަދި އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން ’އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ‘ ޕޯޓަލް ތައާރަފްކޮށްފިއެވެ.
މި ޕްލެޓްފޯމް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ، އެމް.ބީ.އެސް އަކީ ފަންނީގޮތުން މިނިވަން ގައުމީ ތަފާސްހިސާބު އޮފީހެއްގެ ގޮތުގައި ކަނޑައެޅި، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްލެޓްފޯމްގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ.
މި ޑޭޓާ އެކްސްޕްލޯރާ މެދުވެރިކޮށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ގެ މައުލޫމާތާއި، ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) ގެ ތަފާސްހިސާބުތަކާއި އަދި އާބާދީގެ ލަފާކުރުންތައް އިންޓަރެކްޓިވްކޮށް ބަލާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް، ފަސޭހަ އަދި ލުއި ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ތަފާސްހިސާބުގެ ގާނޫނުގެ ސަބަބުން ގައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލްކުރުމާއި، އަދި އާންމުން ހޭލުންތެރިކުރުމާ ބެހޭ ގާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ވަނީ ވަރުގަދަވެފައެވެ. މި ގާނޫނުގެ ދަށުން، އެމް.ބީ.އެސް އިސްކޮށް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ބިއުރޯއަކީ ފިނޭންސް މިނިސްޓްރީގެ ދާއިރާގެ ތެރޭގައި ހިމެނޭ ތަނަކަށްވާއިރު، ބިއުރޯ ހިންގުމުގެ ކަންކަން ކުރިއަށްދަނީ ފައިނޭންސް މިނިސްޓަރުގެ އިރުޝާދުގެ ދަށުންނެވެ.



