ހިއުމަން ރައިޓްސް ކޮމިޝަނުން ބާއްވާ، އެޗްއާރްސީއެމް – ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް ފަށައިފިއެވެ.
ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ހިމާޔަތް ކުރުމުގައި ޝާމިލުވާ މަދަނީ ޖަމްޢިއްޔާތަކާއިއެކު، އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި މި އަހަރު 30 ފަރާތަކުން ބައިވެރިވެއެވެ. ކޮންމެ އަހަރަކު ވަކި ޝިއާރެއްގެ މައްޗަށް ކުރިއަށްގެންދާ މި ފޯރަމުގެ މި އަހަރުގެ ޝިއާރަކީ، ”އޮކިޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ“އެވެ.
މިއީ، މަސައްކަތު މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާއި މެދު މައުލޫމާތު ބަދަލުކުރެވި، އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކުގައި މަސައްކަތްކުރުމަށް މަގުފަހިކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކުރަން ލިބުނު ފުރުސަތެއް ކަމަށް އެޗުއާރުސީއެމުން ބުނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗުއާރުސީއެމްގެ ނައިބު ރައީސް މުހައްމަދު ޝަފީޤު މަޙްމޫދު ވިދާޅުވީ، މި ފޯރަމް މެދުވެރިކޮށް ސީއެސްއޯތަކާއި ގާތުން މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން ބާއްވާފައިވާ މިފަދަ ފޯރަމްތަކުގައި ނިޒާމީ ގޮތުން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް އެކިއެކި ދާއިރާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް މަގުފަހިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އެޗްއާރުސީއެމްގެ އެއް މަޤްސަދަކީ ސީއެސްއޯތަކަށް އެހީއާއި އެއްބާރުލުން ދިނުން. މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކުގެ އަޑުތައް މިހާރު ވަނީ، ގަދަވެފައި. އެއާއިގުޅޭ ޤާނޫނަށްވެސް ވުޖޫދެއް އެބައޮތް. މިހާރު މިއޮތީ އެންމެން ހޭލުންތެރި ކުރުމުގެ މަސައްކަތް އަޅުގަނޑުމެންނާއި ޖެހިފައި.“ އެޗްއާރުސީއެމްގެ ނައިބު ރައީސް ޝަފީޤު ވިދާޅުވިއެވެ.




