މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު 4:00 ޖަހާއިރު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީ އިން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރުން ފެށިގެން ބޭނުންކުރެވޭނެ ކަމަށެވެ.
މިއީ ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދެކެވެ.
އެމްޓީސީސީއިން ބުނިގޮތުގައި، މަގު ހުޅުވާލި ނަމަވެސް، އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި، ސިޑިތައް ފާހަގަކުރުމަށް ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ބެހެއްޓުން ފަދަ ކުދިކުދި މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން ބައެއް މިނިސްޓްރީތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން ވަނީ އެ ސަރަހައްދުގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މި ގަސްއިންދުމުގެ ހަރަކާތާއެކު މުޅި މަގު މިހާރު ފެންނަނީ ވަރަށް ޗާލުކޮށެވެ. މަގުގެ އެއްގަމު ތޮށި ކައިރީގައާއި، ހާއްސަކޮށް ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި ދިވެހި ރުށް އިންދާފައިވުމުން ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މުޅިއެކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދައިފައެވެ. ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތަކުން މަގުގެ އެއްގަމު ތޮށި ސަރަހައްދު ވަނީ ނުހަނު ޗާލުކޮށް ޒީނަތްތެރިކޮށްފައެވެ.

ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރުއެޅުމުގެ މި މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.
މަގުގެ ހިތްގައިމުކަން ދެމެހެއްޓުމަށާއި ތޮއްޖެހުން ކުޑަކުރުމަށްޓަކައި، މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ސައިކަލްތަކަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ގާއިމުކޮށްފައެވެ.



