ވިއެޓްނާމް ސަރުކާރުން އުމުރުން 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާ ބޭނުންކުރުމާ ގުޅޭގޮތުން ހަރުކަށި ގަވާއިދުތަކެއް ތައާރަފްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިން އިންޓަނެޓްގެ ނުރައްކާތަކުން ސަލާމަތްކޮށް، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުން ކަމަށް ވިއެޓްނާމް ސަރުކާރާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލަށް އެކުލަވާލާ މި ގަވާއިދުގެ ދަށުން 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާގައި އެއްޗެހި ޕޯސްޓްކުރުމާއި، ކޮމެންޓްކުރުމާއި، އަދި ރިއެކްޓްކުރުން މަނާވާނެއެވެ. މީގެ އިތުރުން މިފަދަ ކުދިންގެ އެކައުންޓްތައް ރަޖިސްޓްރީ ކުރަންޖެހޭނީ ބެލެނިވެރިއެއްގެ ނުވަތަ ގާނޫނީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުންނެވެ. ކުދިން ބަލާ ކޮންޓެންޓާއި މީޑިއާގައި ހޭދަކުރާ ވަގުތު މޮނިޓާ ކުރުމުގެ ޒިންމާވެސް އުފުލަންޖެހޭނީ ބެލެނިވެރިންނެވެ.
ވިއެޓްނާމްގެ ޑެޕިއުޓީ ކަލްޗާ މިނިސްޓަރު ފާން ތަމް ވިދާޅުވީ، މި ގަވާއިދުގެ ބޭނުމަކީ ކުދިން މީސްމީޑިއާ ބޭނުންކުރުން އެއްކޮށް ހުއްޓުވުން ނޫން ކަމަށެވެ.
މި ގަވާއިދުގެ ދަށުން މީސްމީޑިއާ ކުންފުނިތަކުން ކުޑަކުދިން ދެނެގަތުމަށް ފަންނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭނެއެވެ. އަދި އުމުރާ ގުޅޭ ކޮންޓެންޓް ފޯރުކޮށްދިނުމާއެކު، އަނިޔާވެރިކަން، ޕޯންގްރަފީ، މަސްތުވާތަކެތި އަދި އަމިއްލައަށް މަރުވުމަށް ހިތްވަރުދޭ ފަދަ ނުރައްކާތެރި މައުލޫމާތުތައް ބްލޮކްކުރުން ލާޒިމްވާނެއެވެ.
މީސްމީޑިއާގެ އިތުރުން، އޮންލައިން ގޭމް ކުޅޭ ކުދިންނަށް ވެސް މި އިސްލާހުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވާނެއެވެ. އެގޮތުން 16 އަހަރުން ދަށުގެ ކުދިން ދުވާލަކު ގޭމް ކުޅުމަށް ހޭދަކުރެވޭނީ ގިނަވެގެން 60 މިނެޓެވެ. އަދި ގޭމް އޮޕަރޭޓަރުން ކުޅުންތެރިންގެ އުމުރު ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް މި ގަވާއިދުގައިވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، އޮސްޓްރޭލިއާއިންވެސް ވަނީ ސޯޝަލް މީޑިއާ މަނާކޮށްފައެވެ. އަދި ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ވެސް ވަނީ 15 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާ މަނާކުރުމަށް ފާސްކޮށްފައެވެ.
ވިއެޓްނާމްގެ މި ގަވާއިދު އަދި އޮތީ ޑްރާފްޓް މަރުހަލާގައި ކަމުން، އަމަލީ ގޮތުން ހިންގަން ފެށުމުގެ ކުރިން ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.



