ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލެވޭ އެ ގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
2023 ވަނަ އަހަރު ރައީސްކަމާ ހަވާލުވެވަޑައިގަތް ޝަހާބުއްދީން އިސްތިއުފާ ދެއްވާފައި މިވަނީ، ދާދިފަހުން ބަންގްލަދޭޝްގައި ހިނގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ވެރިކަން ވެއްޓި، ގައުމުން ފިލައިގެން ވަޑައިގެންނެވި ޝައިޚް ހަސީނާ އަނބުރާ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ބީބީސީ ބަންގްލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރުންގެ ފަރާތުން ޝަހާބުއްދީނަށް ދިޔައީ އިސްތިއުފާ ދެއްވުމަށް ބާރުއަޅަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާނީ ޕާލަމެންޓުގެ ރައީސް ޙާފިޒް އުއްދީން އަހުމަދަށެވެ.
ރައީސް ޝަހާބުއްދީން އިސްތިއުފާ ދެއްވުމުގައި ސަބަބެއްގެ ގޮތުގައި ދައްކަވާނީ ސިއްހީ ހާލަތެވެ. ނަމަވެސް، އެ ގައުމުގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަޙްމަދު ވިދާޅުވީ، ސަރުކާރުން ރައީސަށް ވަކި އެއްޗެއް އަންގާފައި ނުވާނެ ކަމަށާއި، އިސްތިއުފާ ދެއްވުމަކީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ އިޚްތިޔާރެއް ކަމަށެވެ.
ޝައިޚް ޙަސީނާ ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް މަރުގެ ހުކުމް އައި ނަމަވެސް އަނބުރާ ގައުމަށް ވަޑައިގެން މައްސަލަތަކާ ކުރިމަތިލައްވާނެ ކަމަށެވެ. 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކުގައި 1,400 އެއްހާ މީހުން މަރުވި މައްސަލައިގައި ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ވަނީ ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.
ޝަހާބުއްދީނަކީ ހަސީނާގެ ވެރިކަން ވެއްޓުމަށްފަހުވެސް މަގާމުގައި ދެމިހުންނެވި އޭނާގެ މަދު އަރިސް ބޭފުޅުންގެ ތެރެއިން އެކެކެވެ. ނޮބެލް އިނާމު ހާސިލުކުރައްވާފައިވާ މުޙައްމަދު ޔޫނުސްގެ އިރުޝާދުގެ ދަށުން ހިނގަމުންދާ ވަގުތީ ސަރުކާރުގައި ޝަހާބުއްދީން މަސައްކަތް ކުރެއްވި ނަމަވެސް، އޭނާ ވަނީ ވަގުތީ ސަރުކާރުން އޭނާއަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ވިދާޅުވެފައެވެ.
ބަންގްލަދޭޝްގެ ގާނޫނުއަސާސީގައިވާ ގޮތުން ރައީސް އިސްތިއުފާ ދެއްވައިފިނަމަ، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރަންޖެހޭނެއެވެ.



