ސްޕޯޓްސް މިނިސްޓަރު، ޢަބްދުﷲ ރާފިޢު، ސްކޮޓްލެންޑުގެ ގްލާސްގޯގައި އިންޑިއާގެ މިނިސްޓަރ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ކުޅިވަރާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ.
ސްޕޯޓްސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ޒުވާނުން ބަދަލުކުރުމުގެ ޕުރޮގުރާމުތަކާއި، ހުނަރު އިތުރުކުރުމުގެ ދާއިރާއިންނާއި، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ދެކެވުނެވެ.
މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ދެ ވަޒީރުން ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ މެދުނުކެނޑޭ އެހީތެރިކަމަށްޓަކައި މިނިސްޓަރު ރާފިޢު ވަނީ މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މިނިސްޓަރު ރާފިޢު ގްލާސްގޯއަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ ކޮމަންވެލްތު ގޭމްސް 2026 އާ ގުޅުވައިގެން ބާއްވާ ކޮމަންވެލްތު ކުޅިވަރާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުވުމުގެ ތެރެއިން ބައިނަލްއަޤުވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.



