ދިވެހި ފުޓުބޯޅައިގެ ހާލަތު ރަނގަޅުކޮށް، އޭގެ އަސްލު މަގާމަށް ވާސިލްކޮށްދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމާމެދު މިރޭ ގޮތެއް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މުހިންމު ނިންމުން ނިންމުމަށް ހަމަޖެހިފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ ހާއްސަ ކޮންގްރެސްގައެވެ.
ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމުގެ މަސައްކަތް އެފްއޭއެމް އިން ރަސްމީކޮށް ފެށީ މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައެވެ. މި ބަދަލަކީ ރާއްޖޭގެ ފުޓުބޯޅައިގެ އޮނިގަނޑަށް ގެނައުމަށް ނިންމާފައިވާ ބޮޑު އިސްލާހީ ބަދަލެކެވެ.
އުފެއްދުމަށް ހަމަޖެހިފައިވާ ހަތަރު އެސޯސިއޭޝަން
އެފްއޭއެމްގެ އާ އޮނިގަނޑުގެ ދަށުން އުފެއްދުމަށް ނިންމާފައިވަނީ ހަތަރު ރީޖަނަލް އެސޯސިއޭޝަނެކެވެ. އެއީ:
- ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން
- ސެންޓްރަލް ރީޖަލް ފުޓްބޯޅަ އެސޯސިއޭޝަން
- މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން
- ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން
މި އެސޯސިއޭޝަންތައް އުފެދުމުން، އެ ސަރަހައްދެއްގެ ފުޓުބޯޅަ ލީގުތަކާއި މުބާރާތްތައް ރާވާ ހިންގުމުގެ ފުރިހަމަ ޒިންމާ ނަގާނީ އެ ސަރަހައްދެއްގެ އެސޯސިއޭޝަނުންނެވެ. އެފްއޭއެމް އިން މިހާރު ވެސް އަންނަނީ މި ހަތަރު ސަރަހައްދަށް ހާއްސަކޮށްގެން ލީގު އުސޫލުން މުބާރާތްތައް ބާއްވައި، އެ މުބާރާތްތަކުން ކުރިހޯދާ ޓީމުތަކަށް ގައުމީ ފެންވަރުގެ މައި ލީގުން ފުރުސަތު ދެމުންނެވެ.
މި ބަދަލާއެކު އެފްއޭއެމްގެ ދައުރަށް ވެސް ބޮޑު ބަދަލެއް އަންނާނެއެވެ. އެގޮތުން އެފްއޭއެމް ބަދަލުވެގެންދާނީ މައި ގައުމީ ފެޑެރޭޝަނަކަށެވެ.
އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ގައުމީ ޓީމުތަކުގެ ކަންކަން ބެލެހެއްޓުމާއި، ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފުޓުބޯޅައިގެ ސިޔާސަތުތައް ކަނޑައަޅައި މުހިންމު ނިންމުންތައް ނިންމުމެވެ.



