މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލޯގޯ އިފްތިތާހުކޮށްފިއެވެ.
މި ލޯގޯ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށްދިޔައީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ 4 އިން 17 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ތައްޔާރުވަމުންދާ މި މުބާރާތުގެ ލޯގޯއިން ބަންގްލަދޭޝްގެ މުއްސަނދި ސަގާފަތް ރަމްޒުކޮށްދެއެވެ. ސާފް އިން ހާމަކޮށްފައިވާ ގޮތުގައި، ލޯގޯ ފަރުމާކުރުމުގައި ބަންގްލަދޭޝްގެ އަންހެނުންގެ ސަގާފީ ހެދުން ފޮއްޗެއް ކަމަށްވާ ”ޖަމްދާނީ” ގެ ސިފަތަކާއި، އެ ގައުމަށް ހާއްސަ އެކިއެކި ރަމްޒުތައް ބޭނުންކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ސާފް އިން ވަނީ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޓެކްނޯ ސްޕޯޓްސް ކަން އިއުލާނުކޮށްފައެވެ. އެހެންކަމުން، މި ފަހަރުގެ މުބާރާތުގެ ރަސްމީ ނަމަކަށް ބޭނުންކުރާނީ ”ޓެކްނޯ ސްޕޯޓްސް ސާފް ޗެމްޕިއަންޝިޕް 2026″ އެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއެވެ. މިއީ ރާއްޖެއިން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.
ރާއްޖެއިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން މި މުބާރާތް ހޯސްޓުކޮށްފައެވެ. އެގޮތުން ރާއްޖެއިން ފުރަތަމަ މި މުބާރާތް ބޭއްވީ 2008 ވަނަ އަހަރު، ސްރީލަންކާއާ ގުޅިގެންނެވެ. ދެ ގައުމުގައިވެސް އެ ފަހަރު މުބާރާތުގެ މެޗުތައް ކުޅެފައިވެއެވެ. އެފަހުން 2021 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން މުބާރާތް ހޯސްޓުކުރީ އެކަންޏެވެ.
ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ 2023 ވަނަ އަހަރު އިންޑިއާގައެވެ. އެ ފަހަރުގެ މުބާރާތުގައި މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން ކުވެއިތާއި ލުބުނާނުން ވެސް ވާދަކުރިއެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާއިންނެވެ.



