ދުންފަތުގެ ނުރައްކާތެރި ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ހާއްސަ ”ޤައުމީ އިނާމެއް“ ދޭން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ވަނީ އެކި ދާއިރާތަކުން ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް، ދިވެހި އުންމަތުގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ފުދުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މިނިވަން ދައުލަތަކަށް ހެދުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ. ވަކިން ހާއްސަކޮށް، އިޖުތިމާއީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބަލިތަކުން ރައްކާތެރިވުމަށް (ޕްރިވެންޝަން) ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ވޭޕް މަނާކުރުމަށް ނިންމެވި ނިންމެވުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
”އަޅުގަނޑުމެން ފުރަތަމަ މިކުރި މަސައްކަތަކީ، ޒުވާން ޖީލު ދުންފަތުގެ އަޅުވެތިކަމަށް ދިޔުމުގެ ކުރިން އެކަމުން ރައްކާތެރިކުރުމަށްޓަކައި ’ޖެނަރޭޝަނަލް ބޭން‘ އެއް ތައާރަފުކުރުން. އަދި މުޅި މުޖުތަމަޢު ވޭޕުގެ ނުރައްކަލުގެ ތެރެއަށް ޣަރަގުވަމުން ދަނިކޮށް، އެކަމުން ސަލާމަތްކުރުމަށްޓަކައި ވޭޕް މަނާކުރީ“ ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަދަނީ ޖަމުއިއްޔާތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ، މި ވަބާއިން އެންމެ ގިނަ މީހުން ސަލާމަތްކޮށްދޭ ފަރާތްތަކަށް އަންނަ އަހަރުގެ ޖުލައި 26 އިން ފެށިގެން ގައުމީ ފެންވަރުގެ އިނާމެއް ދޭން ފައްޓަވާނެ ކަމަށެވެ.
މީގެ އިތުރުން، ޒަމާނުއްސުރެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ބަރޯސާވާންޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރާއްޖޭގެ ބޭހުގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އަލަށް އުފެއްދި ”ސްޓޭޓް ފާމާ” މެދުވެރިކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.



