ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.
މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަންގްލަދޭޝް ސަރުކާރުގެ ހަދިޔާކުރެއްވި ގަސްތައް ރާއްޖެއާއި ރަމްޒީގޮތުން ހަވާލުކޮށްދެއްވީ، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންއެވެ.
ރާއްޖޭގެ ފަރާތުން ގަސްތަކާއި ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފްއެވެ. ތިން ވަޒީރުންވެސްވަނީ މިއަދު ހަވީރު، ލޮނުޒިޔާރަތްޕާކުގައި ގަސް އިންދަވާދެއްވާފައެވެ.

މި ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ލިބުނު ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ބަންގްލަދޭޝްއިން މިފަދަ އެހީތެރިކަމެއް ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކުން ބަންގްލަދޭޝްއާއި ރާއްޖެއާއި އެކުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި ގަސްތަކަކީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަށް ފައިދާވާނެކަމެއްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ބަންގްލަދޭޝް ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެއާއި ބަންގްލަދޭޝްއަކީ ތިމާވެށީގެ ނުރައްކާ ބޮޑު ދެ ޤައުމަށް ވާއިރު، މި ގަސްތަކުން ރަމްޒުކޮށްދެނީ ތިމާވެށި ހިމާޔަތްކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތެވެ.
މިއީ ބޭރު ޤައުމަކުން ރާއްޖެއަށް މިހާ ގިނަ އަދަދަކަށް ގަސް ހަދިޔާކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ގަސް ހަދިޔާކުރީ ލަންކާއިންނެވެ.

ބަންގްލަދޭޝްއިން ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ހިމެނެނީ ހިޔާދޭ ގަސްތަކާއި، މާ އަޅާ ގަސްތަކުގެ އިތުރުން ތަފާތު ވައްތަރުގެ މޭވާ ގަސްތަކެވެ.




