ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިރޭ ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށެވެ.
މެޓުން ބުނި ގޮތުގައި މިރޭ 10:00 އިން ފެށިގެން ދަންވަރު 2:30 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެއެވެ.
އުދަ އަރާނެ ކަމުގެ އިންޒާރު ނެރެފައި މިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. މިއަދު އުދަ އެރުމުގެ ސަބަބުން ރާޅުގަނޑު ސަރަހައްދާއި، ކާނިވާ ސަރަހައްދު އަދި އިންޑަސްޓްރިއަލް ވިލެޖަށް ލޮނުގަނޑު ވަދެ، އެ ސަރަހައްދުތަކުގައި ހުރި ވެހިކަލްތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައެއް ސަރަހައްދުތަކަށް ވެސް މިއަދު ވަނީ އުދަ އަރާފައެވެ.
މިއަދު މާލެއަށް އުދަ އަރާފައިވަނީ ދިޔަވަރު އެންމެ ބޮޑުވި ވަގުތު ކަމަށްވާ މެންދުރު 11:53 ހާއިރުއެވެ. އެ ވަގުތު ދިޔަވަރު ހުރީ 0.74 މީޓަރުގައެވެ. މާދަމާ އެންމެ ބޮޑު ދިޔަ އޮންނަ ވަގުތު ކަމަށްވާ 12:28 ގައި 0.79 މީޓަރަށް ދިޔަވަރު ހުންނާނެ ކަމަށް ދިޔަވަރު ލަފާކުރާ މޮޑެލްތަކުން ދައްކައެވެ.


