ސްރީލަންކާގައި މަދިރި ކޮންޓްރޯލް ކުރުމަށް ނުވަތަ ނައްތާލުމަށް ހާއްސަ ޕްރޮގްރާމެއް މިއަދު ފެށުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މި ފިޔަވަޅަކީ އެ ގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގޫ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ސްރީލަންކާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 82،000 އަށްވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިފައިވާއިރު، މި ބަލީގައި މިހާތަނަށް 61 މީހުން ވަނީ މަރުވެފައެވެ. ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެ ގައުމުގެ ޑެންގޫ ކޮންޓްރޯލް ޔުނިޓް (އެންޑީސީޔޫ) އިން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެންޑީސީޔޫގެ އެކްޓިން ޑިރެކްޓަރު، ޑރ. ކަޕީލާ ކައްނަގަރަ ވިދާޅުވި ގޮތުގައި، މިއަދު ފަށާ ހަރަކާތަކީ އެ ގައުމުގެ ހެލްތް މިނިސްޓްރީއާއި ’ކްލީން ސްރީލަންކާ‘ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އާ ޕްރޮގްރާމް ފެށުމުގެ ކުރިންވެސް ”ސްޓޮޕް ޑެންގީ- ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޕްރޮގްރާމް“ ގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށްދާތާ މިހާރު 15 ދުވަސް ވެއްޖެއެވެ. އެ ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ ޑެންގޫގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ހުޅަނގު ޕްރޮވިންސްގެ ސަރަހައްދުތަކުގައެވެ.
މިއަދު ފަށާ ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯ، ގަމްޕަހާ އަދި ކަލުޓަރާގެ ސަރަހައްދުތަކުގައެވެ. މީގެ ކުރިންވެސް ލަންކާ ސަރުކާރުން ވަނީ އާންމު ރައްޔިތުން މަދިރި އާލާވާ ތަންތަން ހޯދައި، އެތަންތަން ނައްތާލުމަށް އިލްތިމާސްކޮށްފައެވެ.



