ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން، ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އޮސްޓްރޭލިއާގެ ސްޕެޝަލް އެންވޯއީ އޮފް ދަ އިންޑިއަން އޯޝަން، ޓިމް ވަޓްސް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދެކެވުނެވެ.

އެގޮތުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި، ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އާ ފުރުސަތުތައް ހޯދުމަށްވެސް އަލިއަޅުވާލެއްވިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އުންމީދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުންވެސް އިސްކަންދޭ މުހިންމު ކަންކަން ހާސިލުކުރުމަށް އެކުގައި ކުރިއަށްދިއުން ކަމަށެވެ.

ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، މިދިޔަ ޖޫން މަހު އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އަދި ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ފަހުމުނަމާއެއްގައި މިއަހަރުގެ މެއި މަހު ސޮއިކޮށްފައިވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރުގެ ރަމްޒެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުން، މިއަހަރު ވަނީ ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު މޯލްޑިވިއަނުން ސީދާ ދަތުރުތައް ފަށާފައެވެ. މިއީ ދެ ޤައުމުގެ ތާރީޚުގައިވެސް ސީދާ ވައިގެ ދަތުރުފަތުރުން ގުޅާލެވުނު ފުރަތަމަ ފަހަރެވެ.




