އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރެއްވި މަނަވަރު ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން“ ރަސްމީކޮށް ކޮމިޝަންކޮށް، ޚިދުމަތަށް ނެރެފިއެވެ.
އެމްޕީއެލް ހުޅުމާލެ ޕޯޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އުޅަނދު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
މި މަނަވަރަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އޮސްޓްރޭލިޔާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ. އޮސްޓްރޭލިޔާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މި މުޅިން އައު އުޅަނދު ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ޝިޕް ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި ޚިދުމަތް ފެށުމުގެ ރަމްޒެއްގެ ގޮތުން އުޅަނދުގެ ކުރީގައި ޤައުމީ ދިދަ އަދި ފަހަތުގައި އެމްއެންޑީއެފްގެ ދިދަ ވަނީ ނަގާފައެވެ.
އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، މި އުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެކެވެ.
މި އުޅަނދު ޚިދުމަތަށް ނެރުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިޔާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ.




