ރަޝިޔާގެ އަސްކަރިއްޔާއިން އަނެއްކާވެސް ޔޫކްރޭނަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.
މިއަދު ދިން ވަރުގަދަ ވައިގެ މި ހަމަލާތަކުގައި ވެރިރަށް ކީވް ހިމެނޭހެން އެކި ސިޓީތަކުން މިހާތަނަށް 8 މީހުން މަރުވެ، އާންމުންގެ މުދަލާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޔޫކްރޭންގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ލިވީވްއާ ހަމައަށް މި ހަމަލާތައް ފޯރުމާ ގުޅިގެން، އަވަށްޓެރި ޕޮލެންޑުން ވަނީ އެޤައުމުގެ ވައިގެ ސަރަޙައްދު ރައްކާތެރިކުރުމަށްޓަކައި ހަނގުރާމަމަތީ މަތިންދާބޯޓުތައް ޙަރަކާތްތެރި ކުރުވާފައެވެ. ރަޝިޔާއިން މި ހަމަލާތައް ދީފައިވަނީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވި ބައްދަލުވުމުގައި، ޔޫކްރޭނަށް ”ޕޭޓްރިއަޓް” މިސައިލް ސިސްޓަމް އުފެއްދުމުގެ ލައިސަންސް ދިނުމަށް އެއްބަސްވެވަޑައިގެންފައިވާކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ރަޝިޔާގެ ވައިގެ ހަމަލާތަކުގެ އިންޒާރު މުޅި ޔޫކްރޭނަށް ދެމުންދިޔަ ވަގުތު، ކީވްގެ އެކި ސަރަޙައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު ވަނީ އިވިފައެވެ. ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވި ގޮތުގައި، ހަމަލާތަކުގެ ސަބަބުން ބައެއް ތަންތަނުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު، އެ ސިޓީން އެކަކު މަރުވެ އިތުރު ދެ މީހަކު ވަނީ ޒަޚަމްވެފައެވެ.
ޕޮލެންޑާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ލިވީވްއަށް ދިން ހަމަލާތަކުގައި މީހުން ދިރިއުޅޭ ދެ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، 26 މީހަކު ވަނީ ޒަހަމްވެފައެވެ. އިމާރާތްތަކުން ވެއްޓުނު ބައިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން، ވިލާތުގެ ދިފާޢީ އިއްތިޙާދު ނޭޓޯގެ މެމްބަރު ޤައުމެއް ކަމަށްވާ ޕޮލެންޑުން ވަނީ އެޤައުމުގެ ވައިގެ ސަރަހައްދަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވުމުގެ ގޮތުން ހަނގުރާމަމަތީ މަތިންދާބޯޓުތައް އުދުއްސާފައެވެ. މީގެއިތުރުން، ޕޮލެންޑުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ދަނޑަކަށް ނޭނގޭ އެއްޗެއް ވެއްޓި ގޮވުމުގެ ސަބަބުން އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ދަނީ އެކަން ތަޙުޤީޤު ކުރަމުންނެވެ.
ރަޝިޔާގެ ހަމަލާތަކުގެ ރައްދުގައި ޔޫކްރޭނުން ދިން ޑްރޯން ހަމަލާތަކެއްގައި ރަޝިޔާގެ ޕެންޒާ ސިޓީގައި ހުންނަ ”ވައިލްޑްބެރީސް” ކުންފުނީގެ ބޮޑު ގުދަނެއްގައި ވަނީ އަލިފާން ރޯވެފައެވެ. މި ޙާދިސާގެ ސަބަބުން ގިނަ ބަޔަކު އެ ސަރަޙައްދުން ބަދަލުކުރަން ޖެހުނެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ، ޔޫކްރޭންގެ 258 ޑްރޯން ރޭގެ އެކި ވަގުތުތަކުގައި ވައްޓާލާފައިވާ ކަމަށެވެ.
ނަމަވެސް، މި ހަނގުރާމައިގައި ދެ ފަރާތުން އާންމުންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ކުރެވޭ ތުހުމަތުތައް ދެ ޤައުމުންވެސް ދަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.



