ދުނިޔޭގައި މާތް ﷲއާއި އެ ކަލާނގެ ރަސޫލުންނަށް އުރެދުނު މީހުން ޤިޔާމަތްދުވަހު ވޭންދެނިވި ޢަޒާބާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެ ހިނދު އެ މީހުން ފިދާއެއް ދީގެން ވިއަސް އެ ޢަޒާބުން މިންޖުވާން އެދޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!“ މި މައުޞޫއަށް މިއަދު ދިން ހުތުބާގައި ވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، ޤިޔާމަތް ދުވަހުން އިންސާނާ ކޮށްފައިވާ ޢަމަލުތަކާ މެދު ސުވާލުކުރެވޭ ހިނދު، އޭނާގެ ކުށްތައް ވަންހަނާކޮށް ދޮގުހަދަން މަސައްކަތް ކުރާނެއެވެ. ނަމަވެސް އެ ދުވަހު އިންސާނާގެ އަނގަ ބަންދުކުރެވޭނެ ކަމަށާއި، އޭގެ ބަދަލުގައި އޭނާގެ އަތްތަކާއި ފައިތަކާއި ކަންފަތާއި ލޯތަކާއި ހަންގަނޑު، އޭނާ ކުޅަ ޢަމަލުތަކަށް ހެކިދޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ”މި އަދު ތިމަން ރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަން ރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ.“
އެ ދުވަހުން އިންސާނާ ކުޅަ އެއްވެސް ޢަމަލެއް ވަންހަނާއެއް ނުކުރެވޭނެކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ކޮންމެ މީހަކު ކުޅަހައި ޢަމަލެއް ހިމެނިފައިވާ ފަތް، އެ މީހަކު ކިޔައި ބެލުމަށްޓަކައި ހާމަކުރެވޭނެ ކަމަށެވެ. އެ ފަތުގައި ކިތަންމެ ކުޑަ ކަމެއް ވިޔަސް އަދި ބޮޑު ކަމެއް ވިޔަސް ނުހިމެނި ދޫވެފައި ނުވާނެއެވެ. ކުށްވެރިން އެ ފަތުގައިވާ ތަކެއްޗާ މެދު ބިރުގަންނާނެ ކަމަށާއި، އެ މީހުންގެ އަމިއްލަ ނަފްސު ހިސާބުކުރުމަށް އެ ދުވަހު އެންގޭނެ ކަމަށްވެސް ބުންޏެވެ.
ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން މިންޖުވާނީ މާތް ﷲއާއި އެކަލާނގެ ރަސޫލާއަށް އުރެދުމެއް ނެތި، އެކަލާނގެ ދެކެ ލޯބިވާ މީހުން ކަމަށް ހުތުބާގައި ބުންޏެވެ. އެ ދުވަހުން މީސްތަކުން ދެބައަކަށް ބެހިގެންވާނެއެވެ. އެއްބައަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި އަލިވެފައިވާ މޫނުތަކަކާއެކު ތިބޭނެ މީހުންނެވެ. އަނެއްބައަކީ ބިރުވެރިކަމާއި ހިތާމައިގައި، މޫނުމައްޗަށް ހިރަފުސް އަރައި ކަޅު އަނދިރިކަން ވެރިވެފައިވާ ކާފިރުންނެވެ.
ހުތުބާ ނިންމާލަމުން ވަނީ ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލި، ހެޔޮ ޢަމަލުކުރުމަށް ހީވާގިވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ނަޞީބުވެރިއަކީ އެ ދުވަހުން ނަރަކައިން މިންޖުވެ، ސުވަރުގެ ލިބުނު މީހާކަން ހަނދުމަކޮށްދީ، ކުށްތަކަށް ތައުބާވެ މާތް ﷲގެ ރަޙުމަތަށް އެދި ދެންނެވުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.



