މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ 33 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި، ރާއްޖޭގައި ސައިބާ ކްރައިމްގެ ބާވަތްތައް އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ އަމަލުތަކެއްކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ހުށައެޅުނު މައްސަލަތަކުގައި ޖުމްލަ 184,235.00 ރުފިޔާ ވަނީ ގެއްލިފައެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 72,073.00 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ. މި ސްކޭމްތައް ހިންގުމަށް އާންމުކޮށް ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓްޕްލޭސް ފަދަ ވަސީލަތްތަކެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ހުށައެޅުނު މައްސަލަތަކުގެ ތަފްސީލަކީ:
- އީ-ކޮމާސް: 16 މައްސަލަ
- ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 7 މައްސަލަ
- ފައިސާ މާރުކުރުން: 4 މައްސަލަ
- އެހެންމީހަކަށް ވެގެން އޮޅުވާލުން: 1 މައްސަލަ
- އެހެނިހެން: 5 މައްސަލަ
ފުލުހުން ބުނި ގޮތުގައި ’ބުކިންގ ކެންސަލް ރިފަންޑް‘ ސްކޭމްތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހޮޓަލާއި އެޕާޓްމަންޓް ބުކިންގ ހެދުމަށްފަހު، ފޭކު ސްލިޕް ހިއްސާކޮށް، ކުއްލި ކަމެއް ދިމާވެގެން ބުކިންގ ކެންސަލްކުރަން ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދެއެވެ. އެހެންކަމުން ފައިސާގެ ސްލިޕަށް އެކަނި އިތުބާރު ނުކޮށް، އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކިންގ އެޕް މެދުވެރިކޮށް ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވަމުންދާކަން ފާހަގަކޮށް، އެންޓިސްކޭމް ސެންޓަރުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވުމަށް އިރުޝާދު ދެއްވާފައެވެ. ސްކޭމަރުން މިހާރު އޭއައި ވަސީލަތްތައް ބޭނުންކުރަން ފަށާފައިވާކަމަށްވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ޝައްކުކުރެވޭ ލިންކްތަކަށް ފިތާނުލުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް 125 އަށް ގުޅައި ރިޕޯޓްކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



