ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ، މާދަމާއިން ފެށިގެން އަލިވާން ފަށާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓްއޮރޮލޮޖިސްޓް އަޒީމާ އަޙުމަދު ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ވައިގެ ހާލަތަށް ބަލާއިރު، އެންމެ ވައިގަދަވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށްކަމަށް މެޓް އޮފީހުން ބުނެއެވެ. އެ ސަރަހައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވެއެވެ.
މިރެއާއި މާދަމާގެ ހެނދުނުވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް އަޒީމާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މާދަމާ މެންދުރުފަހުން ފެށިގެން ވައިމަޑުވާން ފަށާނެކަމަށް އަޒީމާ ވިދާޅުވިއެވެ.
”މިރެއާއި މާދަމާވެސް ބޮޑަށް ހެނދުނު ވައިގަދަކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްކަށްވެސް ކަނޑުތައް ގަދަވާނެ. އެހެންނަމަވެސް މާދަމާގެ މެންދުރު ފަހުން ފެށިގެން ވައި މަޑުވުމުގެ ފުރުސަތު އޮތްކަމަށް ދައްކަނީ،“އަޒީމާ ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.



