ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހަތް ފޫޓަށް ބޮޑުވެ، މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް) އިން ލަފާކޮށްފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި، ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި 5 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، އުދަ އަރާ ގަޑިތަކުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވިލާގަނޑުގައި ވައި އެންމެ ގަދަވެފައިވަނީ ލ. ކައްދޫއަށް ގަޑިއަކު 46 މޭލު ބާރުމިނުގައެވެ.
މި ވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެއަށާއި ބ. ދަރަވަންދޫއަށެވެ. އެއީ 84 މިލިމީޓަރުގެ ވާރެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ރައްކާތެރިވުމަށް އެމްއެންޑީއެފުން ވެސް މިއަދު ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމު އަދި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުތަކުން ހުއްދަދެވިފައިވާ މިންވަރަށްވުރެ ބަރު ނުކުރުމަށް ވަނީ އަންގާފައެވެ.
އަދި ޑައިވިންނާއި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށާއި، ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



