ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކުރި ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، 85 މިލިއަނަށް ވުރެ ބޮޑު މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ މަގު ހުޅުވިގެން ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ތުރުކީއާ އެކު ހެދި ޕްރިފެރަންޝަލް ޓްރޭޑް އެގްރިމަންޓް (އެމްޓީޕީޓީއޭ) އަށް އިޝާރާތް ކުރައްވައި މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމަށް އަމަލު ކުރަން ފެށުމަކީ ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ހާސިލްކުރެވުނު ކާމިޔާބީއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ނަގަމުން ދިޔަ ޑިއުޓީ މާފުވެގެންދާނެއެވެ. މީގެ ސަބަބުން 85 މިލިއަނަށް ވުރެ ގިނަ ކޮންޒިއުމަރުން ހިމެނޭ ބޮޑު މާކެޓަކަށް ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެ، ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތަކާއި މުދާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.



