މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެފަހުގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 16,991 މެޓްރިކް ޓަނުގެ މަހެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރި 44,791 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 62 އިންސައްތަ ދަށް އަދަދެކެވެ. ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. އެގޮތުން 13,083 މެޓްރިކް ޓަނުގެ ތާޒާ އަދި ފިނިކުރި މަސް ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 67 އިންސައްތައިގެ ދަށްވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ބޭރުކޮށްފައިވަނީ ފިނިކުރި އަދި ތާޒާ ކަޅުބިލަމަހެވެ. ފުރަތަމަ ހަ މަސް ދުވަހު 10,603 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 36,112 މެޓްރިކް ޓަނާ އަޅާބަލާއިރު 70 އިންސައްތަ ދަށް އަދަދެކެވެ. މީގެ އިތުރުން ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ އަދަދުވެސް ވަނީ 11 އިންސައްތަ ދަށްވެފައެވެ.
މަސް ބޭރުކުރި މިންވަރު ދަށްވެފައިވަނީ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ. ނަމަވެސް، މި މުއްދަތުގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު ވަނީ މަތިކޮށްފައެވެ. އެގޮތުން އަހަރުގެ ކުރީކޮޅު ކަޅުބިލަމަހުގެ ކިލޯއެއް 16 ރުފިޔާއަށް ގަތް ނަމަވެސް، މިހާރު މަސް ގަންނަނީ 20 ރުފިޔާއަށެވެ.
މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކޮށް، ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.



