ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު ސިފައިން ތަމްރީނުކުރުމަށް ހިންގި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ.
މި ކޯހުން ޖުމްލަ 116 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 94 ފިރިހެން ދަރިވަރުންނާއި 22 އަންހެން ދަރިވަރުންނެވެ.
މި ކޯހުން އެކި ދާއިރާތަކުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ވަޒީރު ޙަސަން ރަޝީދެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމާއި ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ މަޤާމު ހާސިލުކުރީ ޕްރައިވެޓް މަހުދީ އަޙްމަދެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި، ބަޑިޖެހުމާއި، މަޒުމޫނު ލިޔުމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ދަރިވަރުންނަށް ވަނީ އެވޯޑްތައް ދީފައެވެ. މުޅި ކޯހުން އެއްވަނަ ޕްލެޓޫނަކަށް ހޮވުނީ ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ކުރިއަށްގެންދިޔަ މި ކޯހަކީ ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގާ ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޤައުމިއްޔަތަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު، އަމުރަށް ކިޔަމަންތެރި އަދި ހަށިހެޔޮ ސިފައިން ބިނާކުރުމެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.


