ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި، ބޭސް ރައްކާކޮށްފައި ހުރި ދެ ގުދަނެއް ސުންނާފަތިކޮށްލައިފިއެވެ.
ޣައްޒާގެ ސިއްޙީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، ޣައްޒާ ސިޓީގެ ޝައިޙް ރަޛްވާން ސަރަޙައްދަށް ދިން މި ހަމަލާތަކުގައި ދެ މީހަކުވެސް ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ދީރުލް ބަލާޙްގައި ހުންނަ އަލް-އަޤްޞާ މާޓިއާސް ހަސްފަތާލުން ބުނީ، އެ ހަސްފަތާލުން ބޭސް ރައްކާކުރުމަށް ބޭނުންކުރާ ދެ ގުދަނަކަށް ޔަހޫދީން އަމާޒުކޮށްފައިވާ ކަމަށެވެ. މި ގުދަންތަކަކީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ޑަޔަލަސިސް ޕޭޝަންޓުންނަށް ބޭނުންވާ ސާމާނާއި، ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ޒަރޫރީ ބޭސްތައް ރައްކާކޮށްފައި ހުރި ތަންތަނެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހަމަލާތަކުގައި އިތުރު ދެ ބޭސް ގުދަނަކަށާއި ހަސްފަތާލުގެ ކްލިނިކަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ހަސްފަތާލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް ކަމަށްވާ ޚަލީލް އަލް-ދަޣްރާން މި ހަމަލާތައް ސިފަކުރެއްވީ ބޮޑު ޖަރީމާއެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ދަންވަރުގެ ވަގުތެއްގައި ޔަހޫދީން ދިން މި ހަމަލާތަކުގައި ގުދަންތަކުގައި ހުރި ހުރިހާ ބޭހެއް ވަނީ ނައްތާލާފައި ކަމަށެވެ.
މި ހަމަލާތަކުގެ ސަބަބުން އާންމުން ދިރިއުޅޭ ފޭލިގެތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ. ބޭސްފަރުވާގެ އެހީއަށް ބޭނުންވެފައިވާ ގިނަ ބަޔަކު ދިރިއުޅޭ ސަރަޙައްދުން ގާތްގަނޑަކަށް 70 އެއްހާ ފޭލިގެ ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.
ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި ޣައްޒާގައި ހުރި ޑަޔަލަސިސް މެޝިންތަކުގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައެވެ. އެއީ މެޝިންތައް ހިންގުމަށް ބޭނުންވާ ސޯޑިއަމް ބައިކާބޮނޭޓް ނުލިބުމުގެ ސަބަބުންނެވެ. މީގެ އިތުރުން ޑަޔަލަސިސްގެ ޚިދުމަތް ދެވޭ ހަސްފަތާލުގެ އަދަދު ހަތަކުން ހަތަރަކަށް ވަނީ މަދުވެފައެވެ.



