އިދިކޮޅު އެމްޑީޕީން ”ކަޅު ހުކުރު“ ގެ ގޮތުގައި މަޝްހޫތު ވެފައިވާ، މި އޮގަސްޓު މަހުގެ 12 ވަނަ ދުވަހު މުޒާހަރާއެއް ބާއްވަން ނިންމައިފިއެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާތީ އެކަމާ އަޑު އުފުލުމުގެ ގޮތުން މުޒާހަރާ ކުރަން ވަނީ ނިންމައިފައެވެ.
ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އެތައް ދަތިތަކާ ގުޅޭ ގޮތުން އެމްޑީޕީން އަޑު އުފުލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން މި ފަހުން ވަނީ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ވެސް މުޒާހަރާ ކޮށްފައެވެ.
ތަކެތީގެ އަގު އުފުލުމުގެ މައްސަލައިގައި އޮގަސްޓް 12 ގައި މުޒާހަރާ ކުރަން އެމްޑީޕީން ނިންމިއިރު ”ކަޅު ހުކުރު“ ގެ ގޮތުގައި މަޝްހޫރުވެފައިވަނީ އޮގަސްތް 12، 2004 ވީ ބުރާސްފަތި ދުވަހުގެ ރެ އާއި ޖެހިގެން އައި އޮގަސްޓް 13، 2004 ވީ ހުކުރު ދުވަހު މާލޭގެ ޖުމްހޫރީ މައިދާނަށް ރައްޔިތުން އެއްވެ ހިންގި ސިޔާސީ ބޮޑު އިހުތިޖާޖެވެ.



