ބ. ކިހާދޫއާއި އެއަތޮޅު ކުޑަރިކިލުގެ ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ ކިހާދޫއާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި މުއްޠަލިބް ވިދާޅުވީ އެ މަޝްރޫޢުތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކައާ ހަވާލުކުރި މަޝްރޫޢުއެއްކަމަށާއި ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގެންގޮސް އޮތްކަމަށެވެ. އެ މަސައްކަތް ކުރިއަަށްނުދާތީ ފެނަކައާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމަށްފަހު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ މިހާރު އެ މަސައްކަތް ކުރިއަށްގެންދިޔުމަށް އަމަލީ މަސައްކަތްފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް އައިރު ދެރަށުގައިވެސް %10 މަސައްކަތް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
”މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އާރްއޯ ޕްލާންޓުގެ މަސައްކަތާއި ސްޓޯރޭޖް ޓޭންކްގެ މަސައްކަތް. މަޝްރޫޢުގެ %10 މަސައްކަތް ނިންމާފައި. އެއީ ކުރީގެ ކޮންޓްރެކްޓަރުގެ ތެރެއިން ޓާމިނޭޓްކޮށްފައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންިދޔުމުގެ އަދާހަމަ“ ހައުސިންގް މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.




