ޖަނގިޔާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު އަންހެނެއްގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމި މައިގަނޑު ސަބަބަކީ، އެ ކަމުގައި އޭނާގެ ކުށުގެ ނިޔަތް އޮތްކަން ސާބިތުކޮށްދެވޭނެ ހަރުދަނާ ހެއްކެއް ނެތުން ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ދައުވާކުރީ ދެމަފިރިންގެ މައްޗަށް ކަމަށެވެ.
ދައުވާކުރި ދެމަފިރިންގެ ތެރެއިން ފިރިމީހާ ބުނީ ފުލުހުން ހުއްޓުވި ވަގުތު އަނބި މީހާ އަތަށް ފޮރުވަން ދިން އެތީގައި މަސްތުވާތަކެތި ހުރިކަން އަނބި މީހާއަށް ނޭނގޭނެ ކަމަށާއި އަނބި މީހާވެސް ބުނަނީ ފިރިމީހާ ކުއްލިއަކަށް ދިން އެތި ފޮރުވައިދިން ކަމަށެވެ. އަދި އޭގައި ޑްރަގްސް ހުރިކަން ނޭނގޭކަމަށް ބުނި ކަމަށް ވެސް ޕީޖީގެ ބަޔާނުގައި ބުނެފައިވެއެވެ.
ފިރިމީހާއަކީ ކުށުގެ ދިގު ރެކޯޑެއް އޮތް މީހެއް ކަމަށާއި އަނބި މީހާގެ އިތުރު ރެކޯޑެއް ނެތް ކަމަށް ވެސް ޕީޖީން ބުންޏެވެ.
”އަނބި މީހާގެ ދައުވާ އަނބުރާ ގެނައީ ފިރިމީހާ ޝަރީއަތުގައި އިއުތިރާފުވެ، ހުކުމްކޮށް ނިމުނީމަ. އާންމު އުސޫލެއްގެ ގޮތުން އެހެން މީހަކު ޒިންމާ ނެގިޔަސް އަނެކާ ކުށުން ބަރީޢައެއް ނުވާނެ. އެކަމަކު އެކި މައްސަލަތަކުގެ ހާދިސާ ހިނގާ ގޮތުން ހާލަތު ތަފާތުވޭ“ ޕީޖީން ބުނެފައިވެއެވެ.
މި މައްސަލައަކީ 2024 ނޮވެމްބަރު 18 ގައި ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަންހެނަކާއި ލ. މާވަށު ފިރިހެނަކު ހައްޔަރުކުރި މައްސަލައެކެވެ.
އަންހެން މީހާ ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖަނގިޔަލުގެ ތެރޭގައި ޕެޑެއްގެ މަތީގައި ޓޭޕް އަޅައި ފޮރުވާފައި ހުރި 9.2 ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ.
މި މައްސަލައިގައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ ކުރިއަށް ދަނިކޮށް، ފިރިހެން މީހާ ވަނީ އެ ތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން ދައުލަތުން ވަނީ އަންހެން މީހާގެ މައްޗަށް ކުރި ޓްރެފިކިންގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި ކޯޓުން މައްސަލަ އަނބުރާ ގެންގޮސްފައެވެ.
ކުށަށް އިއުތިރާފުވި ފިރިހެން މީހާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެ، ޖުމްލަ 13 އަހަރަށްވުރެ ދިގު ޖަލު ހުކުމަކާއެކު 50،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. އޭނާއަށް ލުއި އަދަބެއް ލިބުނީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.




